އޮންލައިން ބުކިންތަކުން ޓެކްސް ނަގާ ބިލް ފާސްކޮށްފި
ރާއްޖެއަށް ފަތުރުވެރިން ގެންނަ ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކާއި ޓްރެވަލް އެޖެންސީތަކުން ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ޓެކްސް (ޓީޖީއެސްޓީ) ނެގޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށް، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ އިތުރުކުރުމުގެ މަގު ރައްޔިތުންގެ މަޖިލީހުން ފަހިކޮށްދީފިއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
މި އިސްލާހުގެ މައިގަނޑު އަމާޒަކީ ރާއްޖެއިން ބޭރުގައި ހިންގާ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން ދޭ ހިދުމަތްތައް ދިވެހި ޓެކްސް ނިޒާމުގެ ތެރެއަށް ވައްދައި، ގާނޫނީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެ ފަރާތްތަކުން ޓެކްސް ނެގުމެވެ. މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކުރީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކާ އެކު، މާއްދާތަކުގެ މާނަކުރުން އިތުރަށް ސާފުކުރުމަށް ފަހުގައެވެ.
Ads by BMLއަލަށް ގެނައި މި ބަދަލާ އެކު ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން 13 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، ޖުމްލަ އާމްދަނީ 16 ބިލިއަން ރުފިޔާއަށް އަރާނެއެވެ. ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ މިއީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭރުގެ ކުންފުނިތަކުން ހޯދާ ބޮޑު ފައިދާއިން ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރު ކަށަވަރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އޮންލައިން ޓްރެވަލް އެޖެންސީތަކުން (އޯޓީއޭ) ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ބުކިންތަކުން ބޮޑެތި ކޮމިޝަންތައް ހޯދި ނަމަވެސް، މިހާތަނަށް އެ ފައިސާއިން އެކަށީގެންވާ ޓެކުހެއް ދައުލަތަށް ނުލިބި ދިއުމަކީ ޓެކްސް އިދާރާ (މީރާ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެކެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ ރޭޓަކީ މިހާރު %16 ކަމަށްވާއިރު، މި އިސްލާހާއެކު ރާއްޖޭން ބޭރުން ހަދާ ބުކިންތަކުގެ މުޅި އަގުން ޓެކްސް ނެގިގެންދާނެއެވެ.
Ads by MACL
