ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްލެޓާއި ގޯއްޗަށް އެދުނު 58،000 އަށް ވުރެ ގިނަ ފޯމުގެ އިވެލުއޭޝަން ނިންމައި ދާއިމީ ލިސްޓު ޑިސެންބަރުގެ މެދުތެރޭގައި ނެރެނީ

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން --- ފޮޓޯ: އެމްއޭސީއެލް
ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން --- ފޮޓޯ: އެމްއޭސީއެލް

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބިމާއި ފްލެޓަށް އެދި ހުށަހަޅާފައިވާ 58،505 އެޕްލިކޭޝަންގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މި އަހަރުގެ ޑިސެންބަރު މަހުގެ މެދުތެރޭގައި ދާއިމީ ލިސްޓު އިޢުލާނުކުރަން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޑިސެންބަރު މަހުގެ ކުރީކޮޅަށް ފޯމުތައް އިވެލުއޭޓްކޮށް އެއްކޮށް ނިންމާލެވޭނެ ކަމަށާއި އެ މަހުގެ މެދުތެރޭގައި ޙައްޤުވެރިންގެ ދާއިމީ ލިސްޓު ޢާންމުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މީގެއިތުރުން، އިވެލުއޭޝަން މަރުޙަލާ ކުރިއަށްދާ ވަރަކަށް ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ އިތުރުން އެތަންތަން ލިބޭ ލޮކޭޝަނާ ބެހޭ ތަފުސީލުތައް ވެސް ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު އެއްވެސް މަޢުލޫމާތެއްގައި ފުށުއެރުމެއް އުޅޭނަމަ އެކަން ޕޯޓަލް މެދުވެރިކޮށް އިޞްލާޙުކުރުމަށް އިލްތިމާސްކުރައްވަމުން، ވުޒާރާއިން ހުރިހާ މުޢާމަލާތެއްވެސް ކުރާނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ ގަވާއިދުން ޕޯޓަލް ޗެކްކުރުމަށް ސްޓޭޓް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި ސްކީމުގެ ދަށުން 7،900 ފުލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއުތައް 2028 ވަނަ އަހަރަށް އެއްކޮށް ނިންމުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެވެ.