މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 3 މީހަކަށް އަނިޔާވެއްޖެ
މާލޭގެ މާވެޔޮމަގުގައި ހުންނަ ގެއެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ލިބުނު އަނިޔާތަކާ ގުޅިގެން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާވެޔޮމަގު އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮންނަ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ މ. ދޫގަސްވިލާގައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ގޭގައި ރޯވި އަލިފާންގަނޑު ސިފައިންނާއި ކަމާބެހޭ ފަރާތްތަކުގެ މަސައްކަތުން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލްކޮށްފައެވެ.
Ads by BMLމި ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި އެކިވަރުގެ އަނިޔާތައް ލިބިގެން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ނަމަވެސް، އެމީހުންގެ ހާލަތާ ގުޅޭ ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
މާލޭގެ ތޮއްޖެހިފައިވާ ހަނި ގޯޅިތަކުގައި ހުންނަ ޢިމާރާތްތަކަކީ އަލިފާނުގެ ހާދިސާތައް ހިނގުމުން އަލިފާން ނިއްވާ ލޮރީތަކާއި ޚިދުމަތްތެރިންނަށް ވަދެ އަވަސް ފިޔަވަޅު އެޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ސަރަހައްދުތަކެކެވެ.
މީގެ ކުރިންވެސް މާލޭގެ މިފަދަ ހަނި ގޯޅިތަކުގައި ހިނގާފައިވާ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބި، މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައިވެއެވެ.
Ads by MACL
