އުލިގަމު ޔޮޓް މެރީނާއާއެކު އުތުރު ވެގެންދާނީ ރިކްރިއޭޝަނަލް ހަބަކަށް: ވަޒީރު ސައީދު
ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމާއެކު ރާއްޖޭގެ އުތުރަކީ ރިކްރިއޭޝަނަލް ހަބަކަށް ވެގެންދާނެ ކަމަށް އިގުތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ އުލިގަމުގައި ތަރައްގީކުރާ އާ ޔޮޓް މެރީނާގެ ސަބަބުން އެ ރަށާއި ރާއްޖޭގެ އުތުރުގެ ސަރަހައްދު ރިކްރިއޭޝަނަލް މަރުކަޒެއްގެ ގޮތުގައި ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަންނަ ޔޮޓްތަކަށް ރައްކާތެރި މާހައުލަކާއި ފަސޭހައިން ބަނދަރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްއިން ވަނީ މި ޔޮޓް މެރީނާ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
Ads by BMLބިން ހަވާލުކުރުމުގެ ހަފުލާގައި ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ވިދާޅުވީ، މިއީ އެ ކުންފުނީގެ ފަރާތުން އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމުކުރުމަށް ބޭނުންވާ ބިން ހޯދުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި ތަން ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްފަހަރާ 18 ޔޮޓު ބަނދަރުކުރެވޭނެ ފެންވަރުގެ މެރީނާއެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މެރީނާއިން ޔޮޓުފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތްތައްވެސް އެއް ތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ހއ. އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަގުބޫލު މަންޒިލެކެވެ. އެހެންކަމުން އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް، އެ ހިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
Ads by MACL
