ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިލާ ހައި ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދޭން އެމްއޭސީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިލާ ހައި ސްކޫލުގެ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދޭން އެމްއޭސީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގުޅިގެން، ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި ޚާއްޞަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މުޞްޠަފާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ ޢަލީ ޙުޒައިމްގެ އިތުރުން އެ ކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ ޢިލްމީ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ވަޒީފާގެ މާޙައުލަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ ކުންފުނީގެ "އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކަކާއި ފައިދާތަކެއް ލިބިގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާޙައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުޢާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ދަރިވަރުންގެ ލޯހުޅުވިގެންދާނެއެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މެންޓަރޝިޕް ދިނުމުގެ އިތުރުން ޢަމަލީ މަސައްކަތުގެ މާޙައުލު ތަޖުރިބާކުރުމުގެ ގިނަ ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެއެވެ.