ގަމުގެ ރެކޯޑު ފަހަތަށް ޖައްސާލައި ރަސްމާލެ ރާއްޖޭގެ އެންމެ ބޮޑު ރަށަށް: 716 ހެކްޓަރު ހިއްކައިފި
މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމުގެ ރެކޯޑު ފަހަތަށް ޖައްސާލުމަށް ފަހު، ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއިން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކައި، އެއީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މިއަދު ހާމަކުރެއްވި ގޮތުގައި، 609 ހެކްޓަރު ހުންނަ ގަމަށް ވުރެ އިތުރަށް 107 ހެކްޓަރުގެ ބިން ރަސްމާލެއިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. އަދި ރާއްޖޭގެ ތާރީޚުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކަން ކަނޑައަޅާފައިވާ 1,150 ހެކްޓަރުގެ ބިމުގެ ތެރެއިން 62 ޕަސެންޓު މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު ބަހާއެއްގެ ގޮތުގައި ތަރައްގީކުރާ މި "އިކޯ ސިޓީ" އިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ފުރަތަމަ ފިޔަވަހީގައި 15,000 ގޯތި ދޫކުރާނެ އެވެ.
Ads by BMLhttps://twitter.com/naadu_mv/status/2091851346005909634
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގޯއްޗަށް އެދުނު ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށް ނިމެންވާއިރަށް އެއްކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިންމާލެވޭނެ އެވެ. އެގޮތުން މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދުނު މީހުންގެ ތެރެއިން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އާންމުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ދަނީ ކުރަމުންނެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުރުސަތު ހުޅުވާލި މުއްދަތު ހަމަވިއިރު، ހާއްސަ ޕޯޓަލް މެދުވެރިކޮށް ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދުނު 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ.
Ads by MACL
