ބޯހިޔާވަހިކަމުގެ ޕޯޓަލް ގަވާއިދުން ބަލަން އިލްތިމާސްކޮށްފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ހުށަހަޅާފައިވާ ފޯމުތަކުގެ މަޢުލޫމާތުތަކުގައި އެއްވެސް ފުށުއެރުމެއް ހުރިނަމަ، އެކަމަށް ޖަވާބުދާރީވުމަށް އެޕްލިކަންޓުންނަށް ހަތް ދުވަހުގެ މުއްދަތެއް ދީ ގަވާއިދުން ޕޯޓަލް ބަލަން އިލްތިމާސްކޮށްފިއެވެ.
މި މުއްދަތު ގުނަން ފަށަނީ ސިސްޓަމުން މައްސަލަ ފާހަގަވެ ޕޯޓަލް މެދުވެރިކޮށް އެންގުމުން ކަމަށްވާތީ، ޤަވާއިދުން ޕޯޓަލް ޗެކްކުރަމުން ގެންދިއުމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު، މިހާތަނަށް ޖުމްލަ 58،585 ފޯމެއްގެ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި އެޕްލިކަންޓުންގެ ބިންވެރިކަމާއި ގޯތިގެދޮރުގެ މައުލޫމާތުގެ އިތުރުން ތަޢުލީމާއި، ވަޒީފާ އަދި މާލޭ ދަފުތަރާ ގުޅޭ ރެކޯޑުތައް ސައްޙަތޯ ދަނީ ބަލަމުންނެވެ.
Ads by BMLދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގައިވާ ރަޖިސްޓްރީތައް އެއްކޮށް، ފުށުއެރުންތައް ދެނެގަންނަނީ މުޅިން އޮޓަމޭޓެޑް ނިޒާމަކުން ކަމަށެވެ. އެގޮތުން ސިސްޓަމުން އެއްވެސް މައްސަލައެއް ފާހަގަވުމާއެކު ވަގުތުން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އެކަން ނޮޓިފައި ކުރެވެމުންދާނެއެވެ.
ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭން ނިންމި މައިގަނޑު ސަބަބަކީ ބައެއް ކައުންސިލްތަކުގައިވާ މަޢުލޫމާތުތައް އެންމެ ފަހުގެ ހާލަތަށް އަދާހަމަވެފައި ނުހުރުމާއި، ޝަރުޢީ މަރުޙަލާގައިވާ މައްސަލަތަކާއި ތަރިކައިގެ މައްސަލަތައް ރަނގަޅަށް ރަޖިސްޓްރީ ނުވެ ހުރުމުގެ ފުރުޞަތު އޮތުމުންނެވެ. ނަމަވެސް އެ މުއްދަތުގައި އެއްވެސް ޖަވާބެއް ނުދީފިނަމަ މަޢުލޫމާތު އިސްލާހުކުރުމުގެ ފުރުޞަތު ގެއްލިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
އެހެންކަމުން، ކަނޑައެޅިފައިވާ ހަތް ދުވަހުގެ ތެރޭގައި ބޭނުންވާ ރަސްމީ ހުރިހާ ލިޔެކިޔުންތައް ހޯދަން ދަތިވި ނަމަވެސް، ޕޯޓަލް މެދުވެރިކޮށް މުޢާމަލާތް ފަށައި އެކަން އަންގައިދިނުމަކީ މުހިންމު ކަމެކެވެ. މަޢުލޫމާތު ފުށުއަރާކަން އަންގަމުންދަނީ އެއްވެސް ތަރުތީބަކުން ނޫން ކަމަށްވާތީ ކޮންމެ އެޕްލިކަންޓަކުވެސް ޕޯޓަލްގެ އަދާހަމަތަކަށް ސަމާލުވުން ކޮންމެހެން ބޭނުމެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ހުރިހާ ފޯމުތަކެއްގެ ވެރިފިކޭޝަން މަސައްކަތްތައް އަވަހަށް ނިންމައި، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އެކުލަވާލައި ޢާންމުކުރުމަށެވެ.
Ads by MACL
