ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއް ހަފުތާ ތެރޭ ސްކޭމްތަކުގައި 4.5 ލައްކަ ރުފިޔާ ގެއްލިއްޖެ، އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މަކަރު

އެއް ހަފުތާ ތެރޭ ސްކޭމްތަކުގައި 4.5 ލައްކަ ރުފިޔާ ގެއްލިއްޖެ، އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މަކަރު

އޮންލައިންކޮށް ތަކެތި ވިއްކުމުގެ ނަމުގައާއި އެކި އުކުޅުތައް ބޭނުންކޮށްގެން ހިންގި މަކަރާއި ހީލަތުގެ މައްސަލަތަކެއްގައި، އެންމެ ހަފުތާއެއްގެ ތެރޭގައި އާންމުންގެ އަތުން 457,776 ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މި ހިނގާ އޮގަސްޓު މަހުގެ 16 އިން 22 ގެ ނިޔަލަށް ހުށަހެޅުނު 39 މައްސަލައަކާ ގުޅިގެން ގެއްލުނު ފައިސާގެ ތެރެއިން 222,755 ރުފިޔާ (48.66 އިންސައްތަ) ކަމާގުޅޭ އިދާރާތަކާއި ބޭންކުތަކާ ގުޅިގެން އަނބުރާ ހޯދިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް ފަސް މައްސަލައެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ 13 މައްސަލައެކެވެ. މީގެ ތެރެއިން 95 އިންސައްތަ މައްސަލަ ހިންގާފައިވަނީ ސީދާ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށެވެ.

ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގި 10 މައްސަލައެކެވެ. މީގެ އިތުރުން ދަންނަ މީހުންގެ ނަމުގައި ގުޅައި މެސެޖުކޮށްގެން ފައިސާ ހޯދި ފަސް މައްސަލައަކާއި، ބުކިންގ ކެންސަލް އަދި ރިފަންޑާ ގުޅުވައިގެން ހިންގި ހަތަރު މައްސަލައެއްގެ އިތުރުން ކުރު މުއްދަތެއްގައި ބޮޑު ފައިދާ ލިބޭނެ ކަމަށް ދެއްކި އިންވެސްޓްމަންޓް ދެ ސްކޭމެއް ހިމެނެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް އޮންލައިންކޮށް މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާތީ، ސައްހަކަން ކަށަވަރުނުވާ ޕޭޖުތަކުން މުދާ ގަތުމުގެ ބަދަލުގައި މުދާ ލިބުމުން ފައިސާ ދައްކާ "ކޭޝް އޮން ޑެލިވަރީ" އުސޫލު ޚިޔާރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޑޮލަރު މާރުކުރުމުގައި ރަސްމީ ބޭންކުތަކާއި މަނީ އެކްސްޗޭންޖުތައް ބޭނުންކުރުމަށާއި، ކާކުކަން ސީދާ ކަށަވަރުނުކޮށް އެއްވެސް މީހަކަށް ފައިސާ ޓްރާންސްފަރ ނުކުރުމަށްވެސް އަންގާފައިވެއެވެ.