ވިޒިޓް މޯލްޑިވްސްގެ ވަގުތީ އެމްޑީގެ މަގާމަށް ސަބީހާ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޯޕަރޭޝަން ވަގުތީ ގޮތުން ހިންގެވުން ސީއޯއޯ ސަބީހާ އަހުމަދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަވާލުކޮށްފިއެވެ.
ޖޫން 13، 2024 އިން ފެށިގެން އެމްޑީގެ މަގާމުގައި ހުންނެވި ޝިއުރީ މަގާމުން ވަކިވެވަޑައިގެންނެވީ އަމިއްލަ ސަބަބުތަކަކާ ހުރެއެވެ.
ޑިސެމްބަރު 2023 އިން ފެށިގެން ވީއެމްސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމު އަދާކުރައްވަމުން ގެންދަވާ ސަބީހާއަކީ، 29 އޮކްޓޫބަރު 2025 އިން ފެށިގެން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރެއް ވެސް މެއެވެ. ވީއެމްސީގައި އޭނާ ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް ހިންގާ ބައިނަލްއަގުވާމީ މުހިންމު ކެމްޕޭންތަކާއި، ޓްރޭޑް ފެއާތަކުގެ އިތުރުން ބްރޭންޑް މެނޭޖްމަންޓްގެ ކަންކަން އެންމެ އިސް ސަފުގައި ބަލަހައްޓަވާފައެވެ.
Ads by BMLފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސަބީހާއަކީ ޑެސްޓިނޭޝަން މާކެޓިން، ލަގްޒަރީ ރިސޯޓް ސޭލްސް އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެކެވެ. ވީއެމްސީގެ އިތުރުން އޭނާ ވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިލްޓަން، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް، އެކޯ އަދި ޖުމެއިރާ ގްރޫޕުގައި ވެސް އިސް މަގާމުތައް އަދާކުރައްވާފައެވެ.
މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ސަބީހާގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރި ބާޒާރުގައި ދިވެހިރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަކޮށް، ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކުގެ އެހީގައި ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި އިތުރަށް ފުޅާކުރުމެވެ.
Ads by MACL
