ރިސޯޓުތަކުގެ އާމްދަނީން %40 ބޭންކުތަކަށް މާރުކުރަން ޖެހޭ ބިލް މަޖިލީހުން ފާސްކޮށްފި
ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭ މިންވަރު 40 އިންސައްތައަށް އިތުރުކުރުމަށް ކަނޑައަޅާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބަދަލު ގެނައުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައިވަނީ، ކޮމިޓީ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވުމަށްފަހު އިތުރަށް ފުރިހަމަކުރުމަށް އަލުން ކޮމިޓީން ދިރާސާކުރުމަށް ފަހުގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރުމަށް ފެންނަކަމަށް 47 މެންބަރަކު ވޯޓު ދެއްވިއިރު، އެ ބަދަލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
Ads by BMLމި އިސްލާހަކީ ބޭރު ފައިސާގެ ބާޒާރު ހަމަމަގަށް އެޅުވުމަށާއި، ބޭރު ފައިސާގެ ތާށިކަން ހައްލުކުރުމަށް މުހިންމު ފިޔަވަޅެއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ.
އެމްއެމްއޭ އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު ވިދާޅުވެފައިވަނީ، ކުރިން ކަނޑައަޅާފައި އޮތް 20 އިންސައްތަ، 40 އިންސައްތައަށް ބޮޑުކުރުމަކީ ރާއްޖޭގެ ބޭންކިން ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ޓީޓީ ހެދުމަށް ދޫކުރެވޭ ފައިސާގެ އަދަދު އިތުރުކުރެވޭނެ މުހިންމު ބަދަލެއް ކަމަށެވެ.
Ads by MACL
