ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އެމްޓިސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ނަރުދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އަތޮޅުތަކުން: އެމްޓިސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ނަރުދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. ނަރުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ނެރު ފުންކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ހިލަ ޖެހުމުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސައިޓުގައި މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ނެރު ފުންކުރުމުގެ ކުރިން ބިންގަނޑު އެއްވަރުކޮށް ތައްޔާރުކުރުމުގެ މަސައްކަތާއި (ބެޑް ޕްރިޕަރޭޝަން) އަދި ބަނދަރު ހިމާޔަތްކުރުމަށް ޖަހާ ހިލައިގެ ޕްރޮފައިލިންގ މަސައްކަތްތަކެވެ.

ނަރުދޫ ބަނދަރު އަލުން ޑިޒައިންކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމުގެ އިތުރުން ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢު ނިމުމުން، ނަރުދޫ ރައްޔިތުންނަށާއި އެ ރަށަށް ދަތުރުކުރާ އުޅަނދުފަހަރަށް ލަފާފުރުމުގައި ޒަމާނުއްސުރެ ދިމާވަމުން އައި ދަތިތަކަށް ދާއިމީ ޙައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.