އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން، ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވައިލައިފައިވާ ތިން މަސްދުވަހުގެ ޕްރޮގްރާމެކެވެ. މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 12 ދާއިރާއަކުން ޖުމްލަ 86 ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި މަހަކު 8،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި މެރިން މެކޭނިކް ޓްރެއިނީގެ 8 ފުރުސަތާއި، މެކޭނިކް ޓްރެއިނީގެ 5 ފުރުސަތާއި، ވެލްޑަރ ޓްރެއިނީގެ 4 ފުރުސަތާއި، ޓިންކަރ ޓްރެއިނީގެ 5 ފުރުސަތު އަދި ޓެކްސީ ޑްރައިވަރު ޓްރެއިނީގެ 20 ފުރުސަތު ހިމެނެއެވެ.
Ads by BMLމި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ ކަމަށާއި، ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް ގިނަގިނައިން ފަހިކޮށްދީ، ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމާއި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނާއި ހުނަރު ކުރިއަރުވައި ތަރައްގީކުރުމެވެ.
Ads by MACL
