ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ މެމްބަރުންގެ އަދަދު 70,000 އަށް އަރައިފި

ޕީއެންސީގެ މެމްބަރުންގެ އަދަދު 70,000 އަށް އަރައިފި

ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަދަދު 70,000 އަށް އަރައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދައްކާ ގޮތުގައި ޕީއެންސީގައި މިވަގުތު ރަސްމީކޮށް ދަފުތަރުވެފައިވަނީ 67,579 މެމްބަރުންނެވެ. އެހެންނަމަވެސް، މީގެ ދެ ދުވަހެއް ވަރު ކުރިން ޕީއެންސީން 70,000 މެމްބަރުން ހަމަކޮށްފައިވާ ކަމަށާއި، ވެބްސައިޓުގައި އެ އަދަދު އަދި އަޕްޑޭޓް ނުވަނީ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރަށް ބަލާއިރު ދެވަނައަށް އެންމެ މެމްބަރުން ގިނަ އެމްޑީޕީގައި ތިބީ 55,399 މެމްބަރުންނެވެ. ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގައި 10,401 މެމްބަރުން ދަފުތަރުވެފައިވެއެވެ.

ޕީއެންސީގެ ކުރިއަށް އޮތް ކޮންގްރެސްއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ އަންނަ މަހުގެ މެދުތެރޭގައި ބާއްވާ ކޮންގްރެސްގައި 1,300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއެއްގައި މިހާތަނަށް އެންމެ ގިނަ މެމްބަރުން ބައިވެރިވާ ފަހަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ކޮންގްރެސް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށާއި، މައިގަނޑު ބޭނުމަކީ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް މުންދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ މެމްބަރުންގެ ލަފަޔާއި ހިޔާލާއެކު ކަންކަން ނިންމެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިހާބެއް ކާމިޔާބު ކުރުމަށް 180,000 އެއްހާ ވޯޓު ބޭނުންވާތީ، ޕާޓީގެ މަސައްކަތްތައް ހުރިހާ ގިންތިއެއްގެ ރައްޔިތުންނާ ގުޅިގެން ކުރިއަށްދާނެ ކަމަށް މުންދު ވިދާޅުވިއެވެ. މީގެއިތުރުން ކޮންމެ ރަށެއްގައި ޕާޓީގެ ހަރުގެއަކާއި އޮފީހެއް ހުޅުވުމަކީ ޕީއެންސީގެ ތަސައްވުރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.