ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑޮލަރު މައްސަލަ ހައްލުކުރަން އަޅާ ފިޔަވަޅުތަކަކީ ދިރާސާކޮށްގެން އަޅާ ފިޔަވަޅުތަކެއް: ރައީސް

ޑޮލަރު މައްސަލަ ހައްލުކުރަން އަޅާ ފިޔަވަޅުތަކަކީ ދިރާސާކޮށްގެން އަޅާ ފިޔަވަޅުތަކެއް: ރައީސް

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބަލައިގެން އަޅާ ފިޔަވަޅުތަކެއް ކަމަށާއި އެ ފިޔަވަޅުތަކުން އެދެވޭ ނަތީޖާ ނެރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ވާހަކަފުޅު ރައީސް ދައްކަވާފައިވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަން ނިންމެވި ފިޔަވަޅުތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުމާއި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ވިދާޅުވީ ސިޔާސީ އެކި ބޭފުޅުން ސަރުކާރުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެކި ވާހަކަތައް ދެއްކެވި ނަމަވެސް، މިއީ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް އާންމުންގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ކުއްލިއަކަށް އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށާއި، އެއީ އެތައް މަހެއްގެ މަޝްވަރާއާއި ޓެކްނިކަލް އެވެލުއޭޝަންތަކާއި ދިރާސާތަކަށްފަހު އަޅާ ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކުގައި މިފަދަ ކަންކަން ކޮށްފައިވާ ގޮތްތައްވެސް ސަރުކާރުގެ ފަންނީ ޓީމުތަކުން ބަލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުތައް އެކުލަވާލުމުގައި ހަރަކާތްތެރިވެފައިވަނީ ތައުލީމީ އަދި ތަޖުރިބާކާރު ފަންނީ ބޭފުޅުންނެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރުކުރަންޖެހޭ އިންސައްތަ ސާޅީސް އިންސައްތައަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހު ފާސްކޮށްފައެވެ. އޭގެ އިތުރުން ބޮޑު އަގުގައި ޑޮލަރު ވިއްކާ ފަރާތްތައް ޖޫރިމަނާކުރުމާއި، ކަޅު ބާޒާރުގެ ހަބަރުތައް ފެތުރުން މަނާކުރުމުގެ ފިޔަވަޅުތައްވެސް ވަނީ ނިންމާފައެވެ.

އަދި ޑޮލަރުން އާމްދަނީ ލިބޭ ބައެއް ޓެކްސްތައް ތައާރަފްކުރުމާއި، ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކު އެކައުންޓްތަކަށް ޖާމާކުރުން ލާޒިމްކުރުން ފަދަ ގުޅޭ ގުނަ ފިޔަވަޅުތަކެއް ވަނީ އެކުލަވާލާފައެވެ.