3،000 އަށް ވުރެ ގިނަ ޒުވާނުންނަށް 300 މިލިއަން ރުފިޔާގެ ފައިނޭންސިންގ ދޫކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދިޔަ "ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ފައިނޭންސިންގ ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގަމުންދާ ވިޔަފާރިތައް ފުޅާކޮށް ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ތައާރަފްކޮށްފައިވާ ފެސިލިޓީއެކެވެ.
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ހުޅުވާލި މި ފެސިލިޓީގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި ކޮންމެ ފަރާތަކަށް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކޮށްފައިވެއެވެ. މިކަމުގެ ސަބަބުން މާލީ ދަތިތަކާ ހުރެ ވިޔަފާރި ފެށުމަށް ހުރަސްއެޅިފައި ތިބި ގިނަ އަދަދެއްގެ ޒުވާނުންނަށް ބޮޑު ލުޔެއް ލިބިގެންދިޔައެވެ.
Ads by BMLމި ކާމިޔާބީއާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އިސްނެގުމަށް ޒުވާނުންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބުނުކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ފަޚުރެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ޒުވާން ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށާއި، މި ފިޔަވަހީގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް ދެން އޮތް ފިޔަވަހީގެ ތެރެއިން އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
މާލީ އެހީތެރިކަން ދިނުމުގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން އެހީ ލިބުނު ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ޚާއްސަ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން ފައިނޭންސިންގ ލިބުނު ޒުވާނުންނަށް މެންޓަރޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ރަސްމީކޮށް ރަޖިސްޓްރީކޮށް ފޯމަލައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކުރިއަށް އޮތް ދުވަސްތަކުގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
