ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުދާ އެތެރެކުރުމަށް ފޮނުވާ ފައިސާގެ ސައްހަކަން ބަލަން، ކަސްޓަމްސް އާއި ބޭންކުތަކުން މައުލޫމާތު ބަދަލުކުރަން ފަށަނީ

މުދާ އެތެރެކުރުމަށް ފޮނުވާ ފައިސާގެ ސައްހަކަން ބަލަން، ކަސްޓަމްސް އާއި ބޭންކުތަކުން މައުލޫމާތު ބަދަލުކުރަން ފަށަނީ

ރާއްޖެއަށް މުދާ އިމްޕޯޓް ކުރުމަށާއި ބޭރުކުރާ މުދަލަށް ބޭންކުތައް މެދުވެރިކޮށް ހިންގާ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަވިސް އާއި ރާއްޖޭގެ ހުރިހާ ބޭންކުތަކާ ދެމެދު މައުލޫމާތު ހިއްސާކުރާނެ ހާއްސަ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާތަކުގެ އިސްވެރިން ކަމަށްވާ މެނޭޖިން ޑައިރެކްޓަރުންނާއި ސީއީއޯއިންނެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރި މުއާމަލާތްތަކުގައި މުދާ ގެނައުމަށް ފޮނުވާ ފައިސާގެ ތަފުސީލާއި، ހަގީގަތުގައި އެތެރެކުރާ މުދަލުގެ މައުލޫމާތު ދިމާވޭތޯ ޔަގީންކޮށް، ވިޔަފާރިތަކުން ހިންގާ މާލީ މުއާމަލާތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް ނިޒާމު ހަރުދަނާކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ބޭންކުތަކާއި ކަސްޓަމްސް ގުޅިގެން ކުރިއަށްގެންދާ މައުލޫމާތު ބަދަލުކުރުމުގެ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓާނީ އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.