ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިނަދޫ މޭޔަރަށް އޮތް ތުހުމަތަކީ ދޮގު ހެކި ދިނުން، ސާބިތުވެއްޖެނަމަ 6 މަހަކަށް ޖަލަށް ލެވިދާނެ!

ތިނަދޫ މޭޔަރަށް އޮތް ތުހުމަތަކީ ދޮގު ހެކި ދިނުން، ސާބިތުވެއްޖެނަމަ 6 މަހަކަށް ޖަލަށް ލެވިދާނެ!

ގަސްދުގައި ދޮގު މައުލޫމާތާއި ދޮގު ހެކި ދިން ކަމުގެ ތުހުމަތުގައި ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ފޮނުވި މައްސަލަ ބަލައިގެންފައިވާ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިއަދު މަޢުލޫމާތު ދިން ގޮތުގައި، ދޮގު މައުލޫމާތު ދިނުމާއި ދޮގު ހެކި ދިނުމުގެ މައްސަލައިގައި ސައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލައަކީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އެ ރަށުގެ އާބާދީގެ އަދަދުތައް އޮޅުވާލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހިންގި ތަހުގީގެކެވެ.

މި މައްސަލައިގައި ކުރެވޭ ދައުވާ ސާބިތުވެއްޖެނަމަ، ގިނަވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް މޭޔަރު ސައުދުގެ މައްޗަށް އަންނާނެއެވެ. އަދި އެއާއެކު އޭނާގެ މޭޔަރުކަމުގެ ގޮނޑި ވެސް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ.

ކުރިން ތިނަދޫގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރުމަށް އެދި ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ގައެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދުއަށް ވަޑައިގެން ބޭއްވި ޕާޓީ ޖަލްސާއެއްގައެވެ.

ރައީސް ސޯލިހު ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން އިއުލާން ކުރެއްވި އިރު، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ދެއްކި ގޮތުގައި އެ ރަށުގެ ރަޖިސްޓްރީގައި ހިމެނެނީ 7906 މީހުންނެވެ.

ނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10850 އެވެ. އެއީ އެ ރަށުގެ އުތުރު ދާއިރާއަށް 5076 މީހުން އަދި ދެކުނު ދާއިރާއަށް 5074 މީހުންނެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އެ ރަށުގެ އާބާދީ އެހާ އަވަހަށް އިތުރުވި ގޮތަކާމެދު އޭރު ވެސް އާންމުންގެ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.