ގޭސް ލީކުވި ހާދިސާގައި އަނިޔާވި ޒުވާނާ އައިސީޔޫގައި: ހާލު މިހާރު ސްޓޭބަލް
މާލޭ ގެއެއްގައި ހިނގި ނުރައްކާތެރި ގޭސް ލީކުވުމުގެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާދެމުން އަންނަ 19 އަހަރުގެ އަންހެން ކުއްޖާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެ ކުއްޖާއަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
މާފަންނު ދިލްކުޝާ ގޯޅި ތެރޭގައި ހުންނަ ގެއެއްގައި މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެ ކުއްޖާގެ މަންމަ ވަނީ ފުރާނަ ގެއްލިފައެވެ. އެގޮތުން ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީޤު (51އ) ކަމަށާއި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:34 ހާއިރު ކަމަށްވާއިރު، މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ސީން ބަލައި ތަހުގީގު ކުރަމުންނެވެ.
Ads by BMLމާލޭގެ ކުދި އަދި ވައިދައުރުވުން ކުޑަ އެޕާޓްމަންޓްތަކުގައި ގޭސް ލީކުވުމުގެ ސަބަބުން ހިނގާ މިފަދަ ހާދިސާތަކަކީ ނޭވާ ހާސްވުމާއި، އަލިފާން ރޯވުން ފަދަ ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަންކަމެވެ. އެހެންކަމުން ގޭސް ސިލިންޑަރާއި ހޮޅި އަދި ރެގިއުލޭޓަރުގެ ރައްކާތެރިކަން ގަވާއިދުން ޗެކްކުރުމަށާއި، ގޭސް ވަސްދުވާނަމަ ކަރަންޓު ސްވިޗްތައް ބޭނުންނުކޮށް ކުޑަދޮރުތައް ހުޅުވައި ވައިދައުރުވާނެ ގޮތް ހެދުމަށް ކަމާގުޅޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
Ads by MACL
