ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕާސްޕޯޓް ބުކްލެޓް ލިބުން ލަސްވެ، މުއްދަތު އިތުރުކުރުމާއި ހިލޭ އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި

އިމިގްރޭޝަން ކޮންޓްރޯލަރ ފަސީހް އާއި ހޯމް މިނިސްޓަރ އިހްސާން --- ފޮޓޯ: މިނިސްޓްރީ
އިމިގްރޭޝަން ކޮންޓްރޯލަރ ފަސީހް އާއި ހޯމް މިނިސްޓަރ އިހްސާން --- ފޮޓޯ: މިނިސްޓްރީ

ދިވެހި ޕާސްޕޯޓް ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން ސްޓޮކް ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު އެއްވެސް އަގަކާ ނުލައި އިތުރުކޮށްދިނުމަށާއި ކުރު ދަތުރުތަކަށް ޚާއްޞަ އިމަޖެންސީ ޕާސްޕޯޓު ހިލޭ ދޫކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައި މިއަދުން ފެށިގެން އެ ޚިދުމަތް ދޭން ފަށައިފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަކަށް އެދޭ ރައްޔިތުންނަށް އައު ފޮތެއް ހެއްދުމުގެ ބަދަލުގައި، އެ ފަރާތްތަކުގެ މިހާރުގެ ޕާސްޕޯޓުގެ މުއްދަތު އެއްވެސް ފީއަކާ ނުލައި 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދެވޭނެއެވެ.

އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ގޮސްއުޅޭ ޤައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވަނީ އައިކާއޯގެ މިންގަނޑުތަކަށް ފެތޭ، އެއް އަހަރުގެ މުއްދަތު އޮންނަ 8 ސަފުހާގެ މެޝިން ރީޑަބަލް އިމަޖެންސީ ޕާސްޕޯޓެކެވެ. މި ޚިދުމަތް ވެސް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ބަދަލުތައް ގެންނަން ޖެހުނީ 2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޕާސްޕޯޓް ފޯރުކޮށްދެމުން އަންނަ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ސްޓޮކް ލިބުމުގައި ލަސްތަކެއް ކުރިމަތިވުމުންނެވެ. އެ މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، ރާއްޖެއަށް އައު ސްޓޮކް ލިބޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ޕާސްޕޯޓު ބުކްލެޓް ލިބުން ދަތިވުމާ ގުޅިގެން މީގެ ކުރިން މެއި މަހުގެ ތެރޭގައި ވެސް އިމިގްރޭޝަނުން ވަނީ 5 އަހަރުގެ މުއްދަތު އޮންނަ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން ފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިފަދަ ވަގުތީ ބަދަލުތަކެއް ގެނައި ނަމަވެސް އެއްވެސް ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އިމިގްރޭޝަނުން ވަނީ އަރުވާފައެވެ.