ބޭރު ފައިސާގެ އާ ގާނޫނާ އެކު ވެސް ރިސޯޓް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް: އެމްއެމްއޭ
ރައްޔިތުންގެ މަޖިލީހުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާ އެކު، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޮގުކޮށްފި އެވެ.
އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ ގާނޫނުގެ ދަށުން ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން އުޖޫރަ ދިނުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
ރިސޯޓުތަކުން މުސާރަ ދިވެހި ފައިސާ އަށް ބަދަލުކުރަން އުޅޭ ކަމުގެ އަޑުތައް ގަދަވެ، މުވައްޒަފުންގެ މެދުގައި ކަންބޮޑުވުން އުފެދުނީ ބޭރު ފައިސާގެ ގާނޫނަށް މަޖިލީހުން މިދިޔަ ހަފުތާގައި ގެނައި އިސްލާހުތަކާ ގުޅިގެންނެވެ.
Ads by BMLމަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ބަދަލުކުރުމަކީ މަރުކަޒީ ބޭންކުގެ ދުރު ރާސްތާ ތަސައްވުރެކެވެ. ނަމަވެސް އެ ބަދަލު ގެންނާނީ އިގުތިސާދަށް އަންނާނެ ލޮޅުންތައް ވަރަށް ބޮޑަށް ދިރާސާކޮށް، މެކްރޯ އިގުތިސާދީ އިސްލާހުތައް ގެނައުމަށް ފަހު އެވެ. ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ދިވެހި ރުފިޔާގެ ޑިމާންޑް މަތިކުރުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެތެރޭގެ މުސާރަތައް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރުމުގެ އަމާޒު ހިފާފައިވާކަން ފާހަގަކުރައްވައިފަ އެވެ.
ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށާއި، ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދުމަށް އެމްއެމްއޭ އިން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ގަވާއިދާ ހިލާފަށް އަގުބޮޑުކޮށް ޑޮލަރު ވިއްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި، ގަވާއިދާ ހިލާފުވި ބޭރު ފައިސާ މާރުކުރާ ތަނެއް ވަނީ ބަންދުކޮށްފަ އެވެ.
މަޖިލީހުން އަލަށް ފާސްކުރި އިސްލާހުގެ ދަށުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާނެ އެވެ. ކުރިން އޮތް ގޮތުން ނަމަ މާރުކުރަން ޖެހެނީ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓެވެ.
މި އިސްލާހާ ގުޅިގެން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މަޓީން ބުނީ ތެލާއި، މުސާރަ، ސާވިސް ޗާޖު، ޓެކްސްތައް، ކުލި އަދި ބޭރުގެ ލޯނުތައް ފަދަ ގިނަ ހަރަދުތައް ކުރަންޖެހެނީ ޑޮލަރުން ކަމަށްވާތީ، 40 ޕަސެންޓު މާރުކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވެފައިވަނީ އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމަށް އޮތް ހަމައެކަނި ހައްލަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުން ކަމަށެވެ. އަދި ބޭންކުތަކަށް މާރުކުރުމަށް ފަހު ބާކީވާ ޑޮލަރު ހޭދަކުރާ ގޮތް ބެލުމުގެ މޮނިޓަރިން ނިޒާމު ހަރުދަނާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްއެމްއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ 56 ޕަސެންޓު ބޭނުންކޮށްފައިވަނީ ދައުލަތުގެ ދަރަނި އަދާކުރުމަށެވެ.
Ads by MACL
