ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމިއްލަ ބިމުގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް އިކުއިޓީ ދޭން ނޮވެމްބަރުގައި ހުޅުވާލަނީ

އަމިއްލަ ބިމުގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް އިކުއިޓީ ދޭން ނޮވެމްބަރުގައި ހުޅުވާލަނީ

ގެދޮރުވެރިކަމުގެ ލޯނުތަކަށް އެދޭއިރު އަމިއްލަ ޖީބުން ދައްކަންޖެހޭ އިކުއިޓީ ނުދެއްކިގެން މަސައްކަތް ހުއްޓިފައި ތިބި ފަރާތްތަކަށް ހާއްސަކޮށްގެން، ސަރުކާރުން އިކުއިޓީ ދައްކައިދޭ ދެ ސްކީމަކަށް އަންނަ ނޮވެމްބަރު މަހު ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

މި ސްކީމްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި އަމިއްލަ ބިން އޮވެ، ޝަރުތު ހަމަނުވުމާއި އިކުއިޓީ ނެތުމުގެ ސަބަބުން ގެދޮރު ނޭޅި އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެހެންކަމުން ބޭންކުތަކާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ސަރުކާރުން އެހީތެރިވެދޭނީ ލޯނު ނެގުމަށް ބޭންކުން ކަނޑައަޅާ އިކުއިޓީ ފައިސާ ދެއްކުމުގައެވެ.

މި އިންތިޒާމުގެ ދަށުން އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން ދެ ލައްކަ ރުފިޔާގެ އިކުއިޓީއެއް ދީގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސައިދޭނެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ހިންގާ ހައުސިންގ ޔުނިޓުތަކާއި ފްލެޓްތައް ގަތުމަށް އިކުއިޓީގެ ދަތިކަން ހުރި ފަރާތްތަކަށް 2.5 ލައްކަ ރުފިޔާގެ އިކުއިޓީއެއް ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި މާލީ އެހީ ދިނުމަށްޓަކައި ހަތަރު ބޭންކަކާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި މަސައްކަތްތައް ނިންމައި، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާންމުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމެވެ.

މީގެއިތުރުން ސަރުކާރުން އަލަށް ތައާރަފުކުރާ "އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް" ގެ ދަށުން ހުޅުމާލެ ފޭސް ތިނެއްގައި ތަރައްގީކުރާ 1,000 ހައުސިންގ ޔުނިޓާއި، އަތޮޅުތަކުގައި ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކުން ސޯޝަލް ހައުސިންގ ކެޓަގަރީއަށް ނުވަދެ އަމިއްލައަށް ފްލެޓް ގަނެވޭނެ މާލީ ލުއި ސްކީމެއްވެސް ތައާރަފުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިން ތައާރަފުކުރި ފަސް އިންސައްތައިގެ އިންޓްރެސްޓް ރޭޓުގެ "ހިޔާވެހި ފައިނޭންސިންގ ސްކީމް" އަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ސްކީމުގެ ދަށުން މިހާތަނަށް 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.