އެމެރިކާގެ ދަތިކުރުންތަކާ ގުޅިގެން އީރާނުގައި ޕެޓްރޯލްގެ އަގު ބޮޑުކުރަނީ
އެމެރިކާއިން ކުރިމަތިކުރަމުންދާ އިޤްތިޞާދީ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށް ވިލަރެސްކުރުމަށްފަހު އީރާނުގައި ޕެޓްރޯލްގެ އަގު ބޮޑުކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އެ ޤައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާންއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޕެޒެޝްކިއާން ވިދާޅުވީ، ކަމާބެހޭ އިދާރާތަކާއެކު ކުރަންޖެހޭ މަސައްކަތްތައް ނިމުމުން ތިންވަނަ ދަރަޖައިގެ (ތާޑް-ޓިއާ) ޕެޓްރޯލް ލީޓަރެއްގެ އަގު 50،000 ރިއާލުން 100،000 ރިއާލަށް ބޮޑުކުރާނެ ކަމަށެވެ. އަދި އަގު ބޮޑުކުރި ނަމަވެސް އެ އަދަދަށްވުރެ އިތުރަށް އަގު އުފުލުނަނުދީ ހިފަހައްޓާނެ ކަމަށް ވިދާޅުވި ނަމަވެސް، މި ބަދަލަށް ޢަމަލުކުރަން ފަށާނެ ސީދާ ތާރީޚެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. އީރާނުގެ ފައިސާގެ މިންގަނޑުން ބަލާއިރު 10 ރިއާލަކީ 1 ތޫމާނެވެ.
އީރާނަކީ މުޅި ދުނިޔޭގައިވެސް އެންމެ އަގުހެޔޮކޮށް ތެޔޮ ވިއްކާ އެއް ޤައުމެވެ. ޑެއިލީ ފިއުލްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ 133 ޤައުމެއްގެ ތެރެއިން ދެވަނައަށް އެންމެ އަގުހެޔޮކޮށް ޕެޓްރޯލް ލިބެނީ އީރާނުންނެވެ. މެދުއިރުމަތީގެ އެންމެ އަގުހެޔޮ ތެޔޮ ލިބޭ ޤައުމުގެ ގޮތުގައި އޮތް އީރާނުގައި ލީޓަރެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 0.029 އެމެރިކާ ޑޮލަރުގައެވެ. މިއީ ދުނިޔޭގެ އެވްރެޖް އަގަށްވުރެ ގާތްގަނޑަކަށް 98 އިންސައްތަ ހެޔޮ އަގެކެވެ.
Ads by BMLއީރާނުން ތެލުގެ އަގު ބޮޑުކުރަން މި ނިންމީ އެމެރިކާގެ ޓްރެޜަރީން "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އީރާނާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި އޮޕަރޭޝަނުގެ އަމާޒަކީ އީރާނުން ސިއްރިއްޔާތުގައި ތެޔޮ ބޭރުކުރާ ވިއުގަތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން ކުރާ މަސައްކަތްތައް ހުއްޓުވުމެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުނެފައިވަނީ އީރާނުގެ އިޤްތިޞާދަށް ވަންނަން އޮތް ހުރިހާ މަގެއް ބަންދުކުރާނެ ކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވާން އީރާނަށް އެހީތެރިވެދޭ ފަރާތްތަކާ ދެކޮޅަށް ސެކަންޑަރީ ފިޔަވަޅު އަޅައި، އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން އެ ފަރާތްތައް ބޭރުކޮށްލާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.
Ads by MACL
