ސިޔާސީ ހިސާބަށް އެންމެ މޮޅު އަބްދުއްރަހީމް: ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކީ ރައީސް މުއިއްޒު!
ރާއްޖޭގެ ވެރިކަމުގެ މި ނިޒާމުގެ ތެރެއިން ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވޭނެ ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާއި އިންތިޚާބުތަކުގެ ހިސާބުތަކަށް އަބަދުވެސް ލޯހުޅުވި، ސިޔާސީ ގޮތުން ދުރަށް ވިސްނަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ވެރިކަން ކުރަން ފެށި ފަހުން ރައީސް މުއިއްޒުހާ އިހުލާސްތެރި ވެރިޔަކު ދިވެހި ރައްޔިތުންނަށް ފެނިފައިނުވާ ކަމަށާއި ރާއްޖޭގެ މިހާރުގެ ސިޔާސީ ނިޒާމުގެ ތެރެއިން ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވޭނެ ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މައިދާނުގައި އަމިއްލަފުޅަށް ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް މިހާރު ހާސިލުވެފައިވާ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަކީ އަދިވެސް އެމަނިކުފާނުގެ އެންމެ ބޮޑު ސިޔާސީ ހުވަފެން ކަމަށާއި، އެކަން ކާމިޔާބު ކުރުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ވެރިކަން ކުރަން ފެށި ފަހުން ރައީސް މުއިއްޒުހާ އިހުލާސްތެރި ވެރިޔަކު ދިވެހި ރައްޔިތުންނަށް ފެނިފައިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމަނިކުފާނު ރައީސް މުއިއްޒު ސިފަކުރެއްވީ ގައުމީ ވިސްނުމެއްގައި، އަދި ރައްޔިތުންގެ ހަގީގީ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައީސް ވެރިކަން ކުރައްވަމުން ގެންދަވަނީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލާއި، އަދި މާތްވެގެންވާ އިސްލާމްދީނަކީ ގައުމުން ވަކިނުކުރެވޭނެ އެންމެ މުހިންމު ތަނބުތައް ކަމުގައި ދެކެވަޑައިގެން، ގައުމީ ބޮޑެތި ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ޕާޓީ ނިޒާމުގެ ތެރެއިން ގައުމުގެ ވެރިކަން ކުރައްވާއިރު، ވެރިކަން ކުރާ ޕާޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ވެސް ރައީސް މުއިއްޒު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމާ ހަމައިން އަމިއްލަ ސިޔާސީ އަމާޒުތައް ފުރިހަމަވެފައިވާތީ، ދެން އޮތީ ސިޔާސީ މަސައްކަތްތަކާ ރީތިގޮތުގައި ދުރަށް ޖެހިލުން ކަމަށް ވިދާޅުވަމުން، އަބްދުއްރަހީމް ތަކުރާރުކުރެއްވީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ ތާރީޚީ ކާމިޔާބީ ދެކުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި އެންމެ ކުރީގައި ހުންނަވާނެ ކަމުގެ ޔަގީންކަމެވެ.
Ads by MACL
