ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މ. މަޑުއްވަރީ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފި
މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ވޮލީ ކޯޓު ހުޅުއްވައިދެއްވީ އެ ރަށުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު އުއްމީދަކީ މަޑުއްވަރީގައި ހުޅުވުނު މި ވޮލީ ކޯޓުގެ ސަބަބުން ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ޤައުމު ތަމްސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް އެ ރަށުން އުފެދިގެން ދިޔުން ކަމަށެވެ. އަދި ރަށުގެ އެންމެހާ ރައްޔިތުން ވެސް މި ވަސީލަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރުކަމާއެކު ހިފުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުޅިވަރަކީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، އަޚުލާގާއި ސުލޫކު ރަނގަޅުކޮށްދީ، އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
Ads by BMLކޯޓު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފައިވާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާރުވެސް 10 ރަށެއްގައި އެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
Ads by MACL
