ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސްވެއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ހަތްވަނަ ޓަވަރު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ކުޑަކުއްޖަކަށް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސްވެއްޖެ އެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް ހަތެއް ކައިރީގައި މަޑުކޮށްގެން އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މިއެކްސިޑެންޓު ހިނގި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖްތަކުންނާއި އެވަގުތު އެސަރަހައްދުގައި ތިބި މީހުން މައުލޫމާތު ދިން ގޮތުގައި، އެ ކާރު މަގުމަތީގައި މަޑުކޮށްގެން އޮތީ ސިގްނަލް ދީގެންނެވެ. ކާރުގެ ޑްރައިވަރު ޑިކީ ލެއްޕުމަށްފަހު އެނބުރި ކާރަށް އަރަން ދޮރު ހުޅުވާލި ވަގުތު، ބާރު ސްޕީޑުގައި އައި ސައިކަލު ގޮސް ޖެހުނީ ޑްރައިވަރުގެ ގައިގައެވެ.
Ads by BMLއެކްސިޑެންޓުވި ސައިކަލުގައި ތިބީ އަށާރަ އަހަރުގެ ދިވެހި އަންހެނަކާއި ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އެކްސިޑެންޓާއެކު ސައިކަލުގައި ތިބި ދެ މީހުންވެސް މަގުމައްޗަށް ވެއްޓުނުއިރު، ފަހަތުން އައި ކާރެއް ކުޑަކުއްޖާގެ ގައިގައި ޖެހުމުގެ ސަބަބުން އެ ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
މިއެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ދަނީ މިއެކްސިޑެންޓާ ގުޅޭ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.
Ads by MACL
