ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރައްޔިތުންގެ މަސްލަހަތުގައި ނިންމެވި ނިންމެވުމެއް: ނައިބު ރައީސް

ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ރައްޔިތުންގެ މަސްލަހަތުގައި ނިންމެވި ނިންމެވުމެއް: ނައިބު ރައީސް

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ ޖުމުލަ އާމްދަނީގެ ސިއްހީ އިންސައްތައިގެ ތެރެއިން ސާޅީސް އިންސައްތަ ރާއްޖޭގެ ބޭންކަކަށް ރުފިޔާއަށް މާރުކުރަން ލާޒިމުކުރާ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލަކީ ރައްޔިތުންގެ މަސްލަހަތުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދެއްވަނީ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ފަހިކޮށްދިނުމަށް ކަމަށެވެ. އަދި އެމަނިކުފާނުގެ މައިގަނޑު ޒިންމާއަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ބޭންކަށް ޑޮލަރު މާރުކުރަން ލާޒިމުކުރުމުގެ ސިޔާސަތަކީ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ މައްސަލައަށް ހައްލެއް ހޯދުމަށް ނިންމެވި ދުރުވިސްނޭ ނިންމެވުމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ތިއްބެވި ވެރިން ވެސް އެކަމުގެ ވާހަކަ ދެއްކެވި ނަމަވެސް، އެކަން އަމަލީ ގޮތުން ތަންފީޒުކުރަން ފަސްޖެހުނީ ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ އިގުތިސާދީ ހާލަތު މިގޮތަށް ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް ނައިބު ރައީސް ތުހުމަތު ކުރެއްވި އެވެ. ނިމުނު ސަރުކާރުން ވެސް ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމާ ހަމައަށް މަސައްކަތް ގެންދިޔުމަށްފަހު ފަހަތަށް ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާނޫނަށް މި ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ސާޅީސް އިންސައްތަ މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ މަޓީން ބުނެފައި ވަނިކޮށެވެ. މަޓީން ބުނެފައިވަނީ ތެލާއި، މުސާރައާއި، ޓެކްސް އަދި ލޯނުތައް ފަދަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަންޖެހޭތީ އެ ބަދަލުގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.