ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފެނަކައިގެ ޕްރޮކިއުމަންޓް އާ ޕޮލިސީއަށް އަންނަ މަހު އަމަލުކުރަން ފަށަނީ

ފެނަކައިގެ ޕްރޮކިއުމަންޓް އާ ޕޮލިސީއަށް އަންނަ މަހު އަމަލުކުރަން ފަށަނީ

ފެނަކަ ކޯޕަރޭޝަނަށް ތަކެއްޗާއި ޚިދުމަތްތައް ހޯދުމަށް ހަދާފައިވާ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާކޮށް، އައު ޕްރޮކިއުމަންޓް ޕޮލިސީއަށް އަންނަ މަހުގެ ތެރޭގައި އަމަލުކުރަން ފަށާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވެއްޖެއެވެ.

މި އައު އުސޫލަށް އަމަލުކުރަން ފެށުމަށް ނިންމާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ދުވެލި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފެނަކައިގެ ޕްރޮކިއުމަންޓް ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން އޮޑިޓް ރިޕޯޓުތަކުން ހާމަވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެ އުސޫލު އިސްލާހުކުރުމަށް އެ ކުންފުންޏަށް އަންގާފައެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވި ގޮތުގައި 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ޖުމްލަ 673 އެއްބަސްވުމެއްގެ ދަށުން 2.23 ބިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކުރިއެވެ. އޭގެ ތެރެއިން 438 އެއްބަސްވުމަކީ އާންމު ބީލަމުގެ އުސޫލުން ބޭރުން ހެދިފައިވާ، ޖުމްލަ 1.3 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެކެވެ. ސަރުކާރު ބަދަލުވިއިރު ފެނަކައަކީ ހިންގުމާއި މާލީ ޙާލަތުވެސް އެންމެ ދަށުގައި އޮތް ކުންފުނިކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވީ މާޒީގައި ކުންފުނިން މަސައްކަތްތައް ހަވާލުކުރުމާއި ޚިދުމަތްތައް ހޯދުމުގައި އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. މައުލޫމާތު ފުރިހަމައަށް ނެތުމުގެ ސަބަބުން އެ ކުންފުނިތަކަކީ ކޮބައިކަން ސާފުނުވާ ފަރާތްތަކާވެސް މަސައްކަތް ހަވާލުކޮށްފައިވާކަން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލިޔެކިޔުން ނެތުމުގެ ސަބަބުން، ޚިދުމަތް ރަނގަޅަށް ދިން ބައެއް ކުންފުނިތަކަށް ފައިސާ ދިނުމުގައިވެސް މައްސަލަތައް ކުރިމަތިވެފައިވާކަމަށް ވިދާޅުވިއެވެ.

އައު ޕްރޮކިއުމަންޓް އުސޫލާއެކު މޮނިޓަރިން ނިޒާމާއި ޚަރަދުކުރުމުގެ ކަންކަން ބޮޑުތަނުން ހަރުދަނާވެގެންދާނެއެވެ. ދެން އިސްކަންދޭނީ މެނުފެކްޗަރާއިންގެ ކައިރިން ނުވަތަ އެފަރާތުން ޚިދުމަތްދޭ ރަނގަޅު ކުންފުނިތައް މެދުވެރިކޮށް ތަކެތި ހޯދުމަށް ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. މީގެއިތުރުން ކުންފުނި ރައިޓް ސައިޒްކުރުމާއި، ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދައްކައި ދަރަނި ކުޑަކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ އަތޮޅުތަކުގެ 127 ރަށަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.