ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ ފަންނީ މަސައްކަތްތައް ދައްކާލައިފި

ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ ފަންނީ މަސައްކަތްތައް ދައްކާލައިފި

ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ ގުޅިފައިވާ އެކިއެކި އިންޖިނިއަރިން އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާގެ މުހިންމު ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދިނުމާއި، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ.

މި އިވެންޓުގައި އެމްއޭސީއެލްގެ ފަރާތުން ވަނީ އިންޖިނިއަރިން އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ތަފްޞީލުކޮށް ދައްކާލާފައެވެ. އޭގެ ތެރޭގައި ވޯޓަރ އެންޑް ސެވެރޭޖް ސަރވިސަސް (ޑަބްލިއުއެސްއެސް)، މެކޭނިކަލް ސަރވިސަސް (އެމްއެސްޔޫ)، ހީޓް ވެންޓިލޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (އެޗްވީއޭސީ)، ފިއުލް ސަރވިސަސް، އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)، އޭރޯޑްރޯމް ގްރައުންޑް އެއިޑްސް (އޭޖީއޭ) އަދި ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީޖީޑީޑީ) ގެ ދާއިރާ ހިމެނެއެވެ.

މިއީ ރާއްޖޭގެ މައި ވައިގެ ބަނދަރު 24 ގަޑިއިރު މެދުކެނޑުމެއްނެތި ރައްކާތެރިކަމާއެކު ހިންގުމަށްޓަކައި ކުރެވޭ އިންޖިނިއަރިންގެ ބުރަ އަދި މުހިންމު މަސައްކަތްތައް ގާތުން ދެކެލައި، އަމަލީގޮތުން ތަޖުރިބާކޮށްލުމަށް ކުދިންނަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތެކެވެ.

މި ޙަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ ތަޖުރިބާކާރު އިންޖިނިއަރުން ވަނީ އެބޭފުޅުންގެ ޢަމަލީ ތަޖުރިބާތައް ކުދިންނާ ހިއްސާކޮށް، އެއާޕޯޓު ހިންގުމުގެ ދާއިރާއިން ކުރިއަށްދާން ހުރި އިންޖިނިއަރިން ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

އެމްއޭސީއެލް އިން އަބަދުވެސް އަމާޒު ހިފަނީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، ރާއްޖޭގެ އޭވިއޭޝަން އަދި އިންޖިނިއަރިން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.