ތިލަމާލެ ބްރިޖާއެކު ހާމަވަނީ ތަރައްޤީގެ ދުވެލި މަޑުނުޖައްސައި ކުރިއަށްގެންދިއުމުގެ އަޒުމް: ރައީސް
ވެރިކަމާ ހަވާލުވީއިރު ހުއްޓިފައި ހުރި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އަލުން ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ދޭ އިސްކަން ތިލަމާލެ ބްރިޖުގެ މަސައްކަތުން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖުގެ ސައިޓަށް ޒިޔާރަތްކުރައްވައި ކުރިއަށްގެންދިޔަ ހިނގާލުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މި ސަރުކާރު އައިއިރު ގިނަ މަޝްރޫޢުތައް އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށާއި، ބްރިޖުގެ ދުވެލިވެސް އެއިރު ހުރީ އިންތިހާއަށް ލަސްކޮށް ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށްވީ އެ މަސައްކަތްތަކުގެ ސްޕީޑް އަވަސްކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
Ads by BMLއިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ބްރިޖުގެ ގުޅުވާލުންތައް ނިމިފައިވާއިރު، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމައި ޚިދުމަތަށް ގެނައުމަކީ ސަރުކާރުގެ ލަނޑުދަނޑިއެއް ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އެއްގަމު މަގުން ގުޅުވާލުމަށްޓަކައި 6.7 ކިލޯމީޓަރުގެ ދިގުމިނަށް އެޅޭ، ދިވެހި ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ ބިނާއެވެ.
Ads by MACL
