ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިޔާސީ މަންފާއަށް ތަނބެއް ޖެހުމުން ބްރިޖް ނޭޅޭނެ، ބްރިޖް އެޅުމަކީ ފަންނު އެނގިގެން ވާނެ ކަމެއް!

ރައީސް ސޯލިހުގެ ސަރުކާރުން އަޅަން ފެއްޓި ބްރިޖްގައި ޖަހާފައިވާ ތަނބު
ރައީސް ސޯލިހުގެ ސަރުކާރުން އަޅަން ފެއްޓި ބްރިޖްގައި ޖަހާފައިވާ ތަނބު

ޤައުމެއްގެ ތަރައްޤީއަކީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި ސިޔާސީ ލީޑަރެއްގެ އަމިއްލަ މަންފާއަށްޓަކައި ވިއްކަން އޮންނަ މުދަލެއް ނޫނެވެ. ޚާއްޞަކޮށް ބޮޑެތި އުމްރާނީ މަޝްރޫޢުތަކަކީ ޤައުމުގެ އިޤްތިޞާދާއި، ރައްޔިތުންގެ ފައިސާއާއި، އަންނަން އޮތް ޖީލުތަކުގެ މުސްތަޤުބަލާ ސީދާ ގުޅިފައިވާ ކަންކަމެވެ.

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ސިޔާސީ މައިދާނުން ފެންނަމުންދަނީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި، ނުވަތަ ސިޔާސީ ގޮތުން ޕޮއިންޓެއް ހޯދުމަށްޓަކައި ބޮޑެތި ވާހަކަތައް ދައްކައި، ދެއްކުންތެރިކަމުގެ "ތަނބުތައް" ކޮޅަށް ޖަހަމުންދާ މަންޒަރެވެ. ހަޤީޤަތަކީ ކަނޑުގެ އަޑިން ބިމަށް ތަނބުތަކެއް ޖަހައިލުމަކުން، ނުވަތަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރެހުމެއް ދައްކައިލުމަކުން ބްރިޖެއް ނޭޅޭނެ ކަމެވެ.

ބްރިޖެއް އެޅުމަކީ ނުވަތަ އެފަދަ ބިޔަ މަޝްރޫޢެއް ހިންގުމަކީ ހަމައެކަނި ސިޔާސީ ޖަޒުބާތާއި ހުސް ޝިޢާރުތަކުން ވާނެ ކަމެއް ނޫނެވެ. އެއީ އިންޖިނިއަރިންގގެ ފަންނާއި، މާލީ ދެމެހެއްޓެނިވިކަމާއި، ހަރުދަނާ ޕްލޭނިންގ ބޭނުންވާ ކަމެކެވެ. ކަނޑުގެ އޮއިވަރާއި، ފަޅުގެ އީކޯސިސްޓަމާއި، ޖިއޮލޮޖިކަލް ދިރާސާތައް ފުރިހަމައަށް ނުހަދައި، ހަމައެކަނި އިންތިޚާބަކާ ދިމާކޮށް އަވަސްއަރުވާލައިގެން ފަށާ މަސައްކަތްތަކުން ލިބޭނީ ގެއްލުމެވެ. ފަންނުވެރިންގެ ލަފައާއި އިރުޝާދަށް ބީރު ކަންފަތެއް ދީ، ސިޔާސީ ފައިދާއަށް އިސްކަންދީފިނަމަ، އެ މަޝްރޫޢެއް ވެގެންދާނީ ދައުލަތުގެ ބަޖެޓުން އިސްރާފުވާ ބޮޑު ތަކުލީފަކަށެވެ.

ރައްޔިތުން މިއަދު ބޭނުންވަނީ ހަޤީޤީ ތަރައްޤީއެވެ. ދަޅަދެއްކުމުގެ ބަދަލުގައި، ފަންނީ ޤާބިލުކަން ހުރި ފަރާތްތަކުގެ އެހީގައި، ދެފުށް ފެންނަ ގޮތަށް ކަންކަން ރޭވިގެން ކުރިއަށްދާ ތަނެވެ.

ވޯޓު ހޯދަން ޖަހާ ތަނބަކީ އޮއިވަރުގައި ގިރައިގެން ހިނގައިދާނެ އެއްޗެކެވެ. ނަމަވެސް އިޚްލާޞްތެރިކަމާއި، ޢިލްމާއި، ފަންނުވެރިކަމާއެކު ބިނާކުރާ ބްރިޖަކީ ޤައުމު އެތައް ޒަމާނަކަށް ގުޅުވައިދޭނެ ވަރުގަދަ ބިނާއެކެވެ. އެހެންކަމުން، ސިޔާސީ ފައިދާއަށް ކަންކަން ކުރުން ހުއްޓާލައި، ފަންނުވެރިންނަށް ފުރުޞަތު ދީގެން ޤައުމު ބިނާކުރަން ވަގުތު ޖެހިއްޖެއެވެ.

ނިމިދިޔަ ސަރުކާރުން ބްރިޖް އެޅުމުގެ ނަމުގައި ކޮށްފައިވާ ކަމަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ތަނބެއް ޖެހުން ކަމަށް ބުނެވޭ ސަބަބަކީ، އެ މަޝްރޫޢުގެ ސްޕީޑާއި ނަތީޖާއަށް ބަލާއިރު ފެންނަން އޮތް ހަޤީޤަތެވެ.

ރައްޔިތުންނަށް ދެއްކި ފޮނި ހުވަފެންތަކާއި، ދައުލަތުގެ ބަޖެޓުންނާއި ލޯނުތަކުން ހޭދަކުރި އެތައް މިލިއަން ޑޮލަރަކާ އަޅާބަލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި ދެއްކުނު މާބޮޑު އަމަލީ ކުރިއެރުމެއް ނެތެވެ.
މަޝްރޫޢު ނިންމަން ދިން ތާރީޚުތައް އެތައް ފަހަރަކު ފަހަތަށް ޖެހި، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަދު ތަނބުތަކެއް ކޮޅަށް ޖަހައިލުމަކީ ބްރިޖް އެޅުން ކަމުގައި ނުބެލެވޭނެއެވެ.

މިއީ ހަމައެކަނި ސިޔާސީ ކެމްޕޭނުތަކުގައި ފޮނި ދެއްކުމަށާއި، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވޯޓު ހޯދުމަށް ހިންގި ސިޔާސީ ސްޓަންޓެކެވެ. ފަންނީ ގޮތުންނާއި މާލީ ގޮތުން އެކަށީގެންވާ ޕްލޭނެއް ނެތި، ޤާބިލުކަން ނެތް ފަރާތްތަކާ މަސައްކަތް ހަވާލުކުރުމުގެ ނަތީޖާއަކީ މުޅި ޤައުމު ދަރަނިވެރިވެ، ރައްޔިތުން މާޔޫސްވުމެވެ.