މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ
މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވަކިވަކިން ސިޓީފުޅު ފޮނުއްވައި، ސޯޝަލް މީޑިއާ މެދުވެރިކުރައްވައިވެސް ދުވަހުގެ މުބާރަކްބާދީ އަދާކުރައްވާފައެވެ.
ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ފާހަގަކުރެއްވީ ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އިޙްތިރާމުގެ ވަރުގަދަ ބިންގަލެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
Ads by BMLބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، ދެޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ފުޅާވެ، ދެޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން މެލޭޝިއާގެ ވެރިންނަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްޙަމަސަލަސްކަމާއި ފާގަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
އިނގިރޭސީންގެ އަތްދަށުން މެލޭޝިއާ މިނިވަންވީ 31 އޮގަސްޓް 1957 ގައެވެ. ރާއްޖެއާއެކު ރަސްމީ ޚާރިޖީ ގުޅުން 1968 ގައި ޤާއިމުކުރެވުނު މެލޭޝިއާއަކީ ގިނަ ޢަދަދެއްގެ ދިވެހިން މަތީ ތަޢުލީމު ޙާޞިލުކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ބަރޯސާވާ މުހިންމު މަންޒިލެކެވެ.
Ads by MACL
