ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ޔާމިން ޖަލު ނޯޓު: ބްރިޖުން އެކަނި މުއިއްޒުގެ މުރާލި މަސައްކަތާއި ގާބިލްކަން ސާފު، މޭޔަރު ކަމަށް ކުރިމަތިލައްވާށޭ ބުނޭ!

ރައީސް ޔާމިން ޖަލު ނޯޓު: ބްރިޖުން އެކަނި މުއިއްޒުގެ މުރާލި މަސައްކަތާއި ގާބިލްކަން ސާފު، މޭޔަރު ކަމަށް ކުރިމަތިލައްވާށޭ ބުނޭ!

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި ހުންނެވި ދުވަސްވަރު ފޮނުއްވި ނޯޓުތަކެއްގެ ތެރެއިން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅާއި ގާބިލުކަމަށް ތައުރީފު ކުރައްވައި، މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އެމަނިކުފާނަށް އިރުޝާދު ދެއްވިކަން ހާމަވެއްޖެއެވެ.
ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތުގައި ޕާޓީގެ ލީޑަޝިޕަށާއި ގާތް ބޭފުޅުންނަށް ފޮނުއްވި ސިޓީތަކާއި ނޯޓުތަކުގެ ތަފުސީލުތައް ހާމަވަމުންދާއިރު، އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. މުޢިއްޒާ ގުޅޭގޮތުން ރައީސް ޔާމީން ވަރަށް ބޮޑަށް އިތުބާރު ކުރައްވާފައިވާކަން އެ ނޯޓުތަކުން އެނގެއެވެ.

އަބްދުއްރަހީމް މުޢިއްޒަށް ދަންނަވާ އަހަރެންގެ ބުންޏޭ މާލޭގެ މޭޔަރަށް ކުރިމަތި ލައްވާށޭ!މުޢިއްޒު ވިއްކަން ފަސޭހަވާނެ!ހަމައެކަނި ބުރިޖުން މުޢިއްޒުގެ މުރާލި މަސައްކަތާއި ޤާބިލްކަން ރައްޔިތުންނަށް ސާފުވާނެ-ރައީސް ޔާމީން (ޖަލުން)

މިގޮތުން 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކާ މެދު މަޝްވަރާ ކުރެވުނު ދަނޑިވަޅުގައި، ރައީސް ޔާމީން ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖުގެ މަޝްރޫޢުން އެކަނި ވެސް ޑރ. މުޢިއްޒުގެ މުރާލިކަމާއި، މަސައްކަތުގެ ހަލުވިކަމާއި ގާބިލުކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

އަދި ޑރ. މުޢިއްޒަކީ ކަންކަން ނިންމެވުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށާއި، އެހެންކަމުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ޑރ. މުޢިއްޒު އަރިހުގައި ދެންނެވުމަށް އެ ނޯޓުގައި އެދިވަޑައިގެންފައިވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ތަރައްގީގެ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބްރިޖުގެ މަސައްކަތް ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން އެންމެ ގާތުން ބައްލަވައި، ކާމިޔާބުކަމާއެކު ނިންމަވައިދެއްވީ ޑރ. މުޢިއްޒެވެ. ރައީސް ޔާމީންގެ މި ނިންމެވުމާ އެއްގޮތަށް މޭޔަރު ކަމަށް ކުރިމަތިލައްވައި، ޑރ. މުޢިއްޒު ވަނީ ބޮޑު އަޣުލަބިއްޔަތަކުން އެ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

ޖަލުގައި ހުންނަވައިގެން ރައީސް ޔާމީން ބަދަލުކުރެއްވި މިފަދަ މުހިންމު ނޯޓުތަކުން ދައްކުވައިދެނީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕާއި މަސައްކަތުގެ ދުވެއްޔަކީ ކުރިއްސުރެ ވެސް އިތުބާރު ހޯއްދަވާފައިވާ ކަންކަން ކަމެވެ. މި ކާމިޔާބީތަކުގެ ނަތީޖާއެއްގެ ގޮތުން ފަހުން އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ