ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ސ. ހިތަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްލެބް ކޮންކްރީޓަށް ތައްޔާރުވެއްޖެ

އަތޮޅުތަކުން: ސ. ހިތަދޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްލެބް ކޮންކްރީޓަށް ތައްޔާރުވެއްޖެ

ސ. ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އާރްއީއޯސީ) އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، ފުރާޅު ލެވެލްގެ ސްލެބް ކޮންކްރީޓް އެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، އިމާރާތުގެ ރޫފް ލެވެލް ސްލެބް ޝަޓަރިންގ އަދި ރީއިންފޯސްމަންޓް (ދަގަނޑު ބެއްދުމުގެ) ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

އަދި މިހާރު ސައިޓުގައި ކުރިއަށްދަނީ ރޫފް ލެވެލް ސްލެބްގައި ކޮންކްރީޓް އެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށާއި، މި މަސައްކަތް ނިމުމާއެކު އިމާރާތުގެ މައިގަނޑު އޮނިގަނޑުގެ ބޮޑު ބައެއް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ހިތަދޫގައި ތަރައްޤީކުރާ މި މަރުކަޒަކީ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދެކުނުގެ ސަރަޙައްދުތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކާރިސާތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޤާއިމުކުރެވޭ މުހިންމު އިމާރާތެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހަލުވި ދުވެއްޔެއްގައި ނިންމުމަށް މަސައްކަތް ކުރަމުންނެވެ.