ބޭރުގެ އޮންލައިން ބުކިންގ ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރާ ބިލު ތަސްދީގުކުރައްވައިފި
ރާއްޖެއިން ބޭރުގެ އޮންލައިން ޓްރެވަލް އެޖެންޓުންނާއި ބުކިންގ ޕްލެޓްފޯމުތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން ޖީއެސްޓީ ނެގުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަސްދީގުކުރެއްވި މި އިސްލާހަކީ، ރާއްޖޭގެ ޓެކްސް ނިޒާމުގެ ތެރޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ހަރުދަނާކޮށް، އޮފްޝޯ ބުކިންގ ހަދާ ފަރާތްތައް ޓެކްސްގެ ދައުރަށް ވެއްދުމުގެ ގޮތުން ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ބިލެކެވެ.
މި އިސްލާހުގައިވާ ގޮތުން ރާއްޖޭގައި ހުންނަ ވިޔަފާރި ހިންގާ ތަނަކުން ދޭ ޚިދުމަތްތަކުގެ އިތުރުން، ރާއްޖޭގައި ރަޖިސްޓްރީނުވި ނަމަވެސް އެ ވަގުތަކު ރާއްޖޭގައި ހުރި ފަރާތަކުން އަމަލީ ގޮތުން ދޭ ޚިދުމަތްތަކާއި، ރާއްޖޭގެ ނުއުފުލޭ މުދަލަކާ ގުޅުވައިގެން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރާއްޖޭގައި ދޭ ޚިދުމަތެއް ކަމަށް ބަލައި ޓެކްސް ނެގޭނެއެވެ.
Ads by BMLހަމައެއާއެކު ރާއްޖޭގައި ދާއިމީ ވިޔަފާރިއެއް ނުހިންގި ނަމަވެސް، ރާއްޖޭގެ އެކޮމޮޑޭޝަނާއި، ކެއިންބުއިމާއި ދަތުރުފަތުރު ފަދަ އިންބައުންޑް ޓޫރިޒަމްގެ އެންމެހައި އުފެއްދުންތައް ބޭރުގެ ޕްލެޓްފޯމުތައް މެދުވެރިކޮށް ވިއްކާނަމަ ޖީއެސްޓީ ދެއްކުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.
މި އިސްލާހުތައް ތަންފީޒުވާން ފެށުމާއެކު، މީގެ ކުރިން ޓެކްސް ނުނެގި އޮތް އޮފްޝޯ ވިޔަފާރިތަކުގެ ތެރެއިން ދައުލަތަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
Ads by MACL
