ސިވިލް ސަރވިސް މުވައްޒަފުން މާސްޓަރސްއަށް ކިޔެވުމަށް ޖަޕާނުން އެއް މިލިއަން ޑޮލަރުގެ އެހީއެއް
ސިވިލް ސަރވިސްގެ ޚިދުމަތްތެރިން މަތީ ތަޢުލީމަށް ބިނާކުރުމަށްޓަކައި، ޖަޕާން ސަރުކާރުން ރާއްޖެއަށް ގާތްގަނޑަކަށް އެއް މިލިއަން ޔޫއެސް ޑޮލަރު (152 މިލިއަން ޔެން) ގެ ހިލޭ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ދެ ޤައުމުން ރަސްމީކޮށް ސޮއިކޮށްފިއެވެ.
މިއީ ޖަޕާނުގެ 'ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް' (ޖޭޑީއެސް) ގެ ދަށުން އަންނަ އަހަރަށް ކަނޑައެޅި ފުރުޞަތުތަކަށް ވެވުނު އެއްބަސްވުމެކެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރެއްވިއިރު، ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖައިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ރެޕްރެސެންޓެޓިވް ޓަކި މޮޓޫއެވެ.
މި އެހީގެ ދަށުން ޖަޕާނުގެ ފާހަގަކޮށްލެވޭ ތިން ޔުނިވަރސިޓީއަކުން ޕަބްލިކް ޕޮލިސީ، އިންޓަރނޭޝަނަލް ރިލޭޝަންސް އަދި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރުމުގެ ދޮރު ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުވިގެންދާނެއެވެ.
Ads by BMLމި ޕްރޮގްރާމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ، މިއީ ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ޖަޕާނުން ލިބޭ އަގުހުރި އެހީތެރިކަމެއް ކަމަށެވެ. އަދި 2020 ވަނަ އަހަރު މި ޕްރޮގްރާމް ރާއްޖޭގައި ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 36 ފުރުޞަތު ރާއްޖެއަށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން މިހާރުވެސް ނުވަ މުވައްޒަފަކު ޖަޕާނުގައި މަތީ ތަޢުލީމު ހާސިލުކުރަމުން އަންނައިރު، ކިޔެވުން ނިންމި ބައިވެރިން އަންނަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގައި ޚިދުމަތް ކުރަމުންނެވެ.
Ads by MACL
