އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ދެ ޑިރެކްޓަރުން ހޯދަނީ
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
ކުންފުނީގެ ހިންގާ ގަވާއިދާއި ހިއްސާގެ ނިސްބަތް މިހާރު އޮތް ގޮތުން ސަރުކާރުން ފަސް ޑިރެކްޓަރުން އައްޔަނުކުރާއިރު، އާންމު ހިއްސާދާރުންގެ ފަރާތުން ދެ މެންބަރަކު ބޯޑުގައި ތިބެންޖެހެއެވެ.
ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، މި ފަހަރުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލުމަށް އެމްޓީސީސީން ވަނީ ހިތްވަރުދީފައެވެ.
Ads by BMLމި ދެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. އަދި އެ ފަރާތަކީ ކުންފުނީގެ ހިއްސާދާރަކަށް ވާންޖެހޭނެއެވެ. ހިއްސާދާރު ކުންފުންޏެއްގެ ފަރާތުން ކުރިމަތިލާނަމަ، އެ ކުންފުންޏެއްގެ ބޯޑު ގަރާރަކުން ނޮމިނޭޓްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.
ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާއިރު، ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީއާއެކު 5 އަހަރުގެ މަސައްކަތު ތަޖުރިބާ ނުވަތަ ޑިޕްލޮމާއަކާއެކު 10 އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ. މީގެއިތުރުން ސީއެމްޑީއޭގެ "އިންޑިޕެންޑެންޓް ޑިރެކްޓަރ" އަދި "ފިޓް އެންޑް ޕްރޮޕަރ" މިންގަނޑުތަކަށް އެ ފަރާތެއް ފުރިހަމައަށް ފެތެންޖެހޭނެއެވެ.
ކޯޕަރޭޓް ގަވަރނަންސް، ވިޔަފާރި ތަރައްގީކުރުން، ގާނޫނީ ދާއިރާ އަދި މާލީ ދާއިރާއިން އިލްމީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް މި މަގާމުތަކަށް މީހުން ހޮވުމުގައި އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުތުހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ހުށަހަޅާ ފޯމުތައް އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީން ވަޒަންކުރުމަށްފަހު، ކުރިމަތިލީ ފަރާތްތަކުގެ މައުލޫމާތު އަހަރީ އާންމު ޖަލްސާގެ ކުރިން ހާމަކުރާނެއެވެ. އަދި ބޯޑަށް ދެ މެންބަރުން އިންތިޚާބުކުރުން އޮންނާނީ އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
Ads by MACL
