ޕީއެންސީގެ ނައިބު ރައީސް ކަމަށް ޝިޔާމް ވާދަކުރައްވަނީ
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށްއޮތް ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް ވާދަކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މާތް ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭ ޙާލު ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަން ނިންމެވީ ޕާޓީއަށާއި ދިވެހި ޤައުމަށް އިތުރަށް ޚިދުމަތްކޮށް، މެންބަރުން ބާރުވެރިކުރުވައި، ޕާޓީގެ މުސްތަޤްބަލު ރަނގަޅު މިސްރާބަކަށް ގެންދިއުމުގެ ދަތުރު އިތުރަށް ފަހިކުރުމުގެ މަޤްޞަދުގައި ކަމަށެވެ.
އޭނާ އަބަދުވެސް ޤަބޫލުކުރައްވާ ސިޔާސީ ހަމައަކީ މެންބަރުންގެ އަޑުއަހައި، އިޙްތިރާމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ޕާޓީގެ ވެރިކަމަކަށްފަހު ޙައްޤާއި އިންސާފަށްޓަކައި ވޭތުވެދިޔަ 5 އަހަރު މެންބަރުން ކުރި ދަތުރުގައި ވަރުބަލިކަމެއް ނެތި އެ މެންބަރުންނާއެކު މަގުމަތީގައި ސާބިތުވެ ހުންނެވި ކަމަށެވެ.
Ads by BMLމިއަދުވެސް އެއްވެސް ދެގޮތެއް ނުވެ އިޚްލާޞްތެރިކަމާއެކު ޚިދުމަތުގައި ދެމިހުންނެވިކަން ބަޔާންކުރައްވައި ޝިޔާމް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ފުރިހަމަކަމަކާއެކު ޕާޓީއަށް ޚިދުމަތްކުރުމުގެ ފުރުޞަތު ދެއްވުމަށް ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު 2028 ވަނަ އަހަރު ޕީއެންސީއަށް އަލުން ވެރިކަން ކާމިޔާބުކޮށްދިނުމަށްޓަކައި މެންބަރުންގެ ހެޔޮ ދުޢާއާއި ފުރިހަމަ ތާއީދަށް އެދިވަޑައިގަންނަވަމުން، މެންބަރުން މާޔޫސްވިޔަ ނުދެއްވާނެ ކަމުގެ ޔަޤީންކަންވެސް ޝިޔާމް ވަނީ ދެއްވާފައެވެ.
Ads by MACL
