ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބްލެކްމާކެޓްގައި ޑޮލަރު ވިއްކައިގެން މުއްސަނދި ވަމުންދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި

ބްލެކްމާކެޓްގައި ޑޮލަރު ވިއްކައިގެން މުއްސަނދި ވަމުންދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ހަ ބިދޭސީއަކު މިދިޔަ ތިން އަހަރުގެ ތެރޭގައި 54 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުރު ކުރި ކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ހަ މީހުންނަކީ:

1- މުހައްމަދު ރާހޫލް އަމީން، ބަންގްލަދޭޝް (އެކައުންޓަންޓު)
2- މަސޫދު މިއާ، ބަންގްލަދޭޝް (ވެއިޓަރު)
3- އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް (ޑްރައިވަރު)
4- ދުލްކަރްނާއީ އިމްރާންހާން، އިންޑިއާ (އިންޖިނިއަރު)
5- މުހައްމަދު އަސަތު ކަލަންޑަރް ހުސެއިން، އިންޑިއާ (ސޭލްސްމަން)
6- މުހައްމަދު މަހަމުދުރް ހަސަން، ބަންގްލްދޭޝް (ކްލީނަ)

ފުލުހުން ބުނީ ތަހުގީގަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މި ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54،429،550.00 ދިވެހި ރުފިޔާ އަދި 1,627,81 އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށެވެ.

މި ހަ މީހުންނަކީ، ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަދެވިފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް އިތުރަށް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.އަދި ގާނޫނާ ހިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުއާމަލާތްކުރުމަށްޓަކައި، ދިވެހިންގެ އެކައުންޓްތައް އެފަދަ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ އެކައުންޓެއްގެ ވެރިފަރާތުގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެއްވެސް ފަރާތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށްޓަކައި އަމިއްލަ ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ނަސޭހަތްތެރިވެފައެވެ. އަދި މިފަދަ ކަންކަން ކުރާ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

"މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ހަ ބިދޭސީއަކު އަތުލައިގަތްއިރު، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގައި ދައުރު ނުކުރާތީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެންމެ ބޮޑު ބަދަލަކަށް ގެނައީ ރިސޯޓުތަކަށް ވަންނަ ބޭރު ފައިސާ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް ވަނުމަށް ލާޒިމް ކުރުމެވެ.

އޭގެއިތުރުން އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެފަދަ އަމަލެއް ކޮށްފިނަމަ އާންމު ފަރުދަކު 25،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން އެފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.