ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ހޯދަން ހޯމް މިނިސްޓްރީން ނޭދެން،  ދައުރުވަނީ ފޭކް ސިޓީއެއް: މިނިސްޓަރ އިޙްސާން

މިނިސްޓަރ އަލީ އިހުސާން ---
މިނިސްޓަރ އަލީ އިހުސާން ---

މަނީ އެކްސްޗޭންޖް ވިޔަފާރިކުރާ ފަރާތްތަކުގެ ބޭންކް އެކައުންޓް މައުލޫމާތު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ސިޓީއެއް ފޮނުވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އެ މިނިސްޓްރީގެ ނަން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ ފޭކް ސިޓީއެއް ކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށް އެޑްރެސްކޮށް، މިނިސްޓަރު އިހުސާން ސޮއިކުރައްވާފައިވާ ކަމަށް ދައްކުވައިދޭ މި ސިޓީއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ހޯމް މިނިސްޓްރީއަކީ ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ އެފަދަ އެއްވެސް މައުލޫމާތެއް ހޯދަން ބޭންކުތަކަށް ސިޓީ ނުފޮނުވާނެ ކަމަށެވެ. އަދި ދައުލަތުގެ ރަސްމީ އިދާރާތަކުގެ ނަމުގައި މިފަދަ ދޮގު ލިޔެކިޔުންތައް އުފައްދައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ނުކުރުމަށްވެސް އިހުތިމާސް ކުރެއްވި އެވެ.

މި މައްސަލައިގައި ބީއެމްއެލް އިން ވެސް ވަނީ އެ ސިޓީއަކީ ސައްހަ ލިޔުމެއް ނޫންކަން ކަށަވަރުކޮށްދީފަ އެވެ. އެ ބޭންކުން ހާމަކުރި ގޮތުގައި ކަސްޓަމަރުންގެ ބޭންކިން މައުލޫމާތު ދޫކުރެވެނީ ބޭންކިން ގާނޫނުގައިވާ ހަމަތަކުގެ މަތިން، ކޯޓު އަމުރެއް އޮވެގެން ނުވަތަ ގާނޫނީ ގޮތުން ތަހުގީގީ ބާރު ލިބިފައިވާ ރަސްމީ އިދާރާއަކުން ލިޔުމުން އެދުމުން އެކަންޏެވެ.

ދައުރުވަމުންދާ ފޭކް ސިޓީގައި ބުނެފައިވަނީ، ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ދަށުން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ފަރާތްތަކާއި އެފަދަ އެކައުންޓްތަކަށް 500 ޑޮލަރަށް ވުރެ ގިނައިން ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ފާއިތުވި ހަ މަސް ދުވަހުގެ ސްޓޭޓްމަންޓް ހޯދަން އެދޭ ކަމަށެވެ.

މިފަދަ ފޭކް ސިޓީއެއް ފެންމަތިވެފައި މިވަނީ، ރާއްޖޭގައި ބޭރު ފައިސާގެ ކަޅުބާޒާރު ހުއްޓުވުމަށާއި ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުމުގެ އިތުރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގައި އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ އޮޕަރޭޝަންތަކެއް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ހިންގަމުންނެވެ.