ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ، އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ފުރާނަ ގެއްލިފައިވަނީ މ. ލެމަންޓްރީ، ޒީވާ ސިނާން އަހުމަދެވެ. އެ ކުއްޖާ ނިޔާވިކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ހިތިގަސްމަގުން، ވިނަރެސް 7 ޓަވަރު ކައިރިންނެވެ. ޒީވާ އިނީ 18 އަހަރުގެ އަންހެނަކު ދުއްވި ސައިކަލެއްގެ ފަހަތުގަ އެވެ. ސައިކަލު ދުއްވަން އިން އަންހެން މީހާއަށް ވެސް އަނިޔާވި ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މަގުމަތީގައި ސިގްނަލް ދީފައި މަޑުކޮށްގެން އޮތް ކާރެއްގެ ޑިކީ ލެއްޕުމަށް ފަހު، އެ ކާރުގެ ޑްރައިވަރު އެތެރެއަށް ވަންނަން ދޮރު ހުޅުވި ވަގުތު ބާރު ސްޕީޑުގައި އައި އެ ސައިކަލު ގޮސް ޑްރައިވަރުގެ ގައިގައި ޖެހިގެންނެވެ.

އެ މީހާގެ ގައިގައި ޖެހި ސައިކަލުގައި ތިބި ދެ މީހުން މަގުމައްޗަށް ވެއްޓުނު ވަގުތު، ފަހަތުން އައި އެހެން ކާރެއް ޒީވާގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

މި އެކްސިޑެންޓުގައި އެ ކުއްޖާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް، ގިނަ އަދަދަކަށް ލޭ ފައިބައިފައިވާ އިރު، ހާދިސާ ހިނގި ވަގުތުވެސް ކުއްޖާ އޮތީ ހޭނެތިފައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.