ސަރުކާރުގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ ބިން ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނު އިސްލާހުކޮށްފި
ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ކައުންސިލުތަކުގެ އިހުތިސާސުން ވަކިކޮށް ދައުލަތަށް ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މިދިޔަ މަހުގެ 26 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި އަވަހަށް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ. މި ބަދަލާއެކު، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ނުފެށި އޮތް ނަމަވެސް، ސަރުކާރުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ދައުލަތަށް ނެގުމުގެ އިޚުތިޔާރު ލިބިގެންދާނެއެވެ.
އައު އިސްލާހުގައިވާ ގޮތުން، ރައްޔިތުންގެ ޖަމާޢީ ފައިދާއަށްޓަކައި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫޢަކަށް ހުރަސްއެޅުމާއި، އެފަދަ މަޝްރޫޢެއް ހުއްޓުވުމަށް އެއްވެސް މަޤްބޫލު ސަބަބެއް ނެތި ނިންމުންތައް ނިންމުމަކީ ކައުންސިލްތަކަށް މަނާ ކަމެކެވެ. މީގެ ބަދަލުގައި، ސަރުކާރުން ހިންގާ ހުރިހާ މަސައްކަތްތަކަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދިނުން ޤާނޫނުން މިހާރު ވަނީ ލާޒިމުކޮށްފައެވެ.
Ads by BMLހަމައެއާއެކު، ސަރުކާރުގެ ބޭނުމަށް ބިން ނަގާއިރު ކައުންސިލްތަކަށް ލިބިދާނެ މާލީ ގެއްލުންތަކުން ރައްކާތެރިކުރުމަށްވެސް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ވަކިކުރާ ބިމެއްގައި ކައުންސިލުން އެއްވެސް އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، އެ ކަމަކާ ގުޅޭ ސަރުކާރުގެ ވުޒާރާއަކުން އެ ބިމަކަށް ވާ ބަދަލު ކައުންސިލަށް ދޭންޖެހޭނެ ކަމަށް މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުގައި ކަނޑައަޅާފައިވެއެވެ.
Ads by MACL
