އެފްއޭއެމްގެ ހިންގުން އަތޮޅުތަކަށް ފުޅާކުރަނީ: ރީޖަނަލް އޮފީސްތައް ޤާއިމުކުރާ މަރުކަޒީ ރަށްތައް ހަމަޖައްސައިފި
ރާއްޖޭގެ ފުޓްބޯޅަ ހަމައެކަނި ވެރިރަށް މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅުތެރޭގައި އެ ކުޅިވަރުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ހުޅުވުމަށް އެފްއޭއެމުން ނިންމައިފިއެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި ނިންމި މި ނިންމުމުގެ ދަށުން، ނޯތު ރީޖަންގެ މައި އިދާރާ ހއ. ދިއްދޫގައި ޤާއިމުކުރާއިރު، ސެންޓްރަލް ރީޖަންގެ އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ އދ. މަހިބަދޫގައެވެ. އަދި ސައުތު ރީޖަންގެ މައި މަރުކަޒަކަށް ލ. ގަން ކަނޑައަޅާފައިވާއިރު، މާލެ ސަރަޙައްދުގެ އޮފީސް ހުންނާނީ މާލޭގައެވެ.
މި ސަރަޙައްދީ އޮފީސްތަކުގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުވެރިން އުފައްދައި ޓެކްނިކަލް ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ޚާއްޞަ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ޤާއިމުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
Ads by BMLމި އޮފީސްތައް ޤާއިމުކުރުމަށް އެ ރަށްތައް ޚިޔާރުކޮށްފައިވަނީ ފުޓްބޯޅައިގެ ދިގު ތާރީޚަކާއި ފޯރިއެއް އޮތުމުގެ އިތުރުން، ކުޅިވަރުގެ އަސާސީ ވަސީލަތްތަކާއި ދަނޑުތައް އެކަށީގެންވާ ފެންވަރަކަށް ތަރައްޤީވެފައިވާ ރަށްތަކަށް ވާތީއެވެ.
އެފްއޭއެމްގެ އަސާސީ ޤަވާއިދަށް ގެނައި ބަދަލުތަކާ އެއްގޮތަށް ތަންފީޒުކުރާ މި އާ އޮނިގަނޑުގެ ސަބަބުން، މުޅި ރާއްޖެއަށް މުބާރާތްތަކާއި ފުރުޞަތުތައް ފަހިވެ، އަތޮޅުތަކުގެ ޓީމުތަކަށް އެފްއޭއެމްގެ ނިޒާމުގެ ތެރެއިން ކުރިއަށްދިއުމުގެ ދޮރު އިތުރަށް ހުޅުވިގެންދާނެއެވެ.
Ads by MACL
