ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮޗިން އަދި ޓްރިވެންޑްރަމަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް ހަފުތާއަކު 6 ދުވަހަށް އިތުރުކުރަނީ

ކޮޗިން އަދި ޓްރިވެންޑްރަމަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް ހަފުތާއަކު 6 ދުވަހަށް އިތުރުކުރަނީ

އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، ގައުމީ އެއާލައިން މޯލްޑިވިއަން އިން އެ ދެ މަންޒިލަށް ކުރާ ދަތުރުތައް ހަފުތާއަކު ހަ ދުވަހަށް އިތުރުކުރުމަށް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި އަންނަ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން، މިހާރު ދަތުރުތައް ނޯންނަ އާދީއްތަ ދުވަހު ވެސް މި ދެ ސިޓީއަށް ފްލައިޓްތައް އޮޕަރޭޓްކުރަން ފަށާނެއެވެ. މިވަގުތު އެ އެއާލައިނުން މި ދެ މަންޒިލަށް ޝެޑިއުލް ދަތުރުތައް ބާއްވަމުން އަންނަނީ ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. މި ބަދަލާއެކު އިތުރުވި އާދީއްތަ ދުވަހުގެ ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިއީ ބޭސްފަރުވާއަށާއި ޗުއްޓީއަށް އިންޑިއާގެ ދެކުނުގެ ސިޓީތަކަށް ދަތުރުކުރާ ދިވެހިންގެ ޑިމާންޑް ބޮޑުވަމުން އަންނާތީ، ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވެސް އެ އެއާލައިނުން ވަނީ މި ދެ ސިޓީއަށް ހަފުތާއަކު ފަސް ދަތުރު ބާއްވާ ގޮތަށް ޝެޑިއުލް ފުޅާކޮށްފައެވެ.

މިވަގުތު ވެސް ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގެ ހަތް ސިޓީއަކަށް މޯލްޑިވިއަނުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ އިތުރުން ބަންގްލަދޭޝް، ޗައިނާ އަދި އޮސްޓްރޭލިއާގެ މަންޒިލްތައް ހިމެނެއެވެ.

ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުން އެއާލައިންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާބޯޓެއް ދާދިފަހުން ވަނީ އިތުރުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ވައިޑް-ބޮޑީ ބޯޓުތައް ގެނައުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.