ކައުންސިލްތަކުގެ އިހުތިސާސުން ބިން ނަގާނީ ތަރައްގީގެ މަޝްރޫއުތަކަށް އެކަނި ކަމަށް ރައީސް ވިދާޅުވެއްޖެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިމެއް ދައުލަތަށް ނަގާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި، ކައުންސިލްތަކުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ބިލު ތަސްދީގުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މި ބިލު ތަސްދީގު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ކުރިއަށްގެންދަން ނިންމަވާފައިވާ މަޝްރޫއުތައް ފެށުމަށް ބޭނުންވާ ބިންތައް ހަވާލުކުރުމަށް އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫއުތައް ހިންގުން ވަރަށް ބޮޑަށް ލަސްވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLލާމަރުކަޒީ ގާނޫނަށް ހުށަހެޅުނު މި އިސްލާހަށް ސަރުކާރުން ތާއީދުކުރަން ނިންމީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ބައެއް ކައުންސިލުތަކުން ކުރިމަތިކުރަމުންދާ ދަތިތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ވަކިކުރަން ބޭނުންނުވާ ކަމަށާއި، އެހެންނަމަވެސް މަޝްރޫއުތަކަށް ހުރަސްއެޅޭނަމަ ބިން ވަކިކޮށްގެންވެސް ތަރައްގީގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.
ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރުމުގެ ކުރިން ގާނޫނުގައި ކަނޑައަޅާފައިވާ ހާއްސަ އިޖުރާއަތްތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހާ ހަމައަށް ބިމެއް ވަކިކުރަން ފޮނުވުމުގެ ކުރިން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ މައުލޫމާތު އާންމުކޮށް އިއުލާންކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ބިމެއް ކައުންސިލެއްގެ އިހުތިސާސުން ވަކިކުރުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަކާއެކު މަޝްވަރާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބޭނެއެވެ. އަދި ދައުލަތަށް ބިމެއް ނެގުމުގެ ކުރިން އެ ބިމަށް ކައުންސިލުން ނުވަތަ އެހެން ފަރާތަކުން ކޮށްފައިވާ އިންވެސްޓްމެންޓްތަކަށް އެކަށީގެންވާ ބަދަލު ދޭންޖެހޭނެކަންވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
Ads by MACL
