ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ، ބައްޕަ ސީރިއަސްވެ ފަރުވާދެނީ އައިސީޔޫގައި

އެކްސިޑެންޓެއްގައި ދެބަފައިންނަށް އަނިޔާވެ، ބައްޕަ ސީރިއަސްވެ ފަރުވާދެނީ އައިސީޔޫގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސައިކަލުގައި ދަތުރުކުރި ބައްޕައަކާއި އޭނާގެ ދަރިފުޅަށް އަނިޔާވެ ބައްޕަގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 2 ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތީގަ އެވެ. ފުލުހުންގެ އިދާރާއަށް މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 7:44 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން އުމުރުން 62 އަހަރުގެ ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅަށެވެ. އެ ދެ މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާވި ދެ މީހުންގެ ތެރެއިން 62 އަހަރުގެ ބައްޕައަށް ލިބުނު ޒަހަމްތައް ބޮޑުވެ، އޭނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވިނަރެސް ހަތެއްގެ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ މިއަދު ނިޔާވެފަ އެވެ. އެ ހާދިސާގައި ނިޔާވެފައިވަނީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ހަތަރެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދެވެ.

ސީސީޓީވީ ފުޓޭޖުތައް ބެލުމަށްފަހު ފުލުހުން ބުނެފައިވަނީ، އެ ކުއްޖާ ނިޔާވި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުމަތީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހިގެން ކަމަށެވެ.