ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމަށް ޕެންޝަން އޮފީހުން އޭދަފުށީގެ އިސްރަށްވެހިންނާއެކު ޚާއްޞަ ވަގުތުކޮޅެއް
މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ޚާއްޞަ ހަވީރުގެ ސައެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ ރަށުގެ އިސްރަށްވެހިން އެއްތަނަކުން ބައްދަލުވެ، އެކުވެރި މާހައުލެއްގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށް، މުޖުތަމަޢުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަތިވެރި މަޤުޞަދުގައި އިންތިޒާމުކުރި ހަރަކާތެކެވެ.
އޭދަފުށީގައި ކުރިއަށްދިޔަ މި ހަވީރުގެ ސައިގައި އެ ރަށުގެ ގިނަ އަދަދެއްގެ މާމަކާފައިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކުގެ މެންބަރުން ހިމެނޭހެން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.
Ads by BMLމި ހަފުލާގައި ޕެންޝަން އޮފީހުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާ ވަނީ، މާމަކާފައިންގެ ދުވަސް ފާހަގަކުރުމާއި އެބޭފުޅުން މުޖުތަމަޢަށް ކޮށްދެއްވާ އަގުހުރި ޚިދުމަތްތައް ބަލައިގަތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ޝިއުނާ ވިދާޅުވީ، ޤައުމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މުޖުތަމަޢުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ އަދި މިހާރުވެސް އަދާކުރައްވަމުން ގެންދަވާ އިސް ދައުރު ފާހަގަކޮށް، އަޚްލާޤީ ގޮތުންނާއި ތަރުބަވީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް އެ ފަރާތްތަކުން ވެފައިވާ ބުރަ މަސައްކަތާއި ޤުރުބާނީގެ އަގު ވަޒަންކުރުން ކަމަށެވެ.
އޭދަފުށީ ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން، ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމް ވަނީ ޢާއިލާތަކަށާއި މުޅި މުޖުތަމަޢަށްޓަކައި މާމައިންނާއި ކާފައިން ވެދެއްވާފައިވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ޝާމީ އިތުރަށް ވިދާޅުވީ، ހެޔޮލަފާ އަދި ތަރުބަވީ ޖީލެއް ބިނާކުރުމުގައި އިސްރަށްވެހިން ވެފައިވާ ޤުރުބާނީތަކަކީ އަގުނުކުރެވޭ ފަދަ މަތިވެރި ޚިދުމަތްތަކެއް ކަމަށާއި، އަދުގެ މުޖުތަމަޢު ބިނާކުރުމުގެ އެންމެ މުހިންމު އެއް ބިންގަލަކީ އެ މާމަކާފައިން ކަމަށެވެ.
މި ހަވީރުގެ ސައިގެ ހަރަކާތުގެ ތެރެއިން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ) އިން ކުރިއަށްގެންދާ "އުފާވެރި ރާސްތާ" ޕްރޮގްރާމުގެ ޚާއްޞަ މައުލޫމާތު ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސެޝަންގައި، އުމުރުން ދުވަސްވަމުންދާއިރު ސިއްހަތަށް ފައިދާހުރި ރަނގަޅު އާދަތައް ދެމެހެއްޓުމާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއެކު އުފާވެރި ރިޓަޔަރމަންޓެއް ބިނާކުރުމާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހުގެ އިތުރުން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ބ. އޭދަފުށީ ކައުންސިލް ގުޅިގެންނެވެ.
މިއީ ރާއްޖޭގެ އިސްރަށްވެހިންގެ އަގުވަޒަންކޮށް، މުޖުތަމަޢުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، ޢާއިލާތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އިޖުތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
Ads by MACL
