ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިފްކޯއިން މަސް ގަންނާނެ އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމުގައި ކަނޑައަޅައިފި

 ރައީސް ޑރ. މުއިއްޒު، ދޯންޏަކަށް އަރާވަޑައިގެން މަސްވެރިންތަކަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު، ދޯންޏަކަށް އަރާވަޑައިގެން މަސްވެރިންތަކަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނާނެ އެންމެ ކުޑަ އަގަކީ ކިލޯއަކަށް 20 ރުފިޔާ ކަމުގައި ހަމަޖައްސައި، އެ އަގަށް ވުރެ ދަށްކޮށް ދެން މަސް ނުގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާނު ކުރައްވަމުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިއީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުފުލި ތިރިވާ މިންވަރަށާއި، ބޭރުގެ މާކެޓުތަކަށް މަސް ފޮނުވުމަށް ހިނގާ ޚަރަދުތަކަށް ރިޢާޔަތްކޮށް ކޮންމެ ހަފުތާއަކު އަގަށް ބަދަލު ގެނައި ނަމަވެސް، އެއްވެސް ޙާލަތެއްގައި 20 ރުފިޔާއަށް ވުރެ ދަށަށް އަގު ވެއްޓިގެން ނުދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިއްޔެ ވެސް މިފްކޯއިން މަސް ބަލައިގަތީ ކިލޯއެއް 21 ރުފިޔާގެ ރޭޓުން ކަން އޭނާ ހާމަކުރެއްވިއެވެ.

މިދިޔަ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް މަތިކޮށްފައި އޮތުމަށްފަހު، މި ސަރުކާރުން އެ އަގު 16 ރުފިޔާއަށް ކުޑަކުރި ނަމަވެސް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަށް މިހާރު މިވަނީ އެންމެ ދަށް މިންވަރަކީ 20 ރުފިޔާ ކަމުގައި ކަނޑައަޅައި، އެ ވަޢުދު ތަންފީޒުކުރަން ފަށާފައެވެ.

މި ކަނޑައެޅުނު އަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް މަސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިފްކޯގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އޭގެ ތެރޭގައި ތެލަށް ކުރާ ހޭދަ ކުޑަކުރުމާއި، ކުންފުނީގެ ފެސިލިޓީތަކުން މަސް ދޯނިފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުން ހިމެނެއެވެ.