ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގައި އިސްލާމީ އިޤްތިޞާދާއި ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސާ މަޝްވަރާކުރައްވައިފި

ރާއްޖޭގައި އިސްލާމީ އިޤްތިޞާދާއި ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސާ މަޝްވަރާކުރައްވައިފި

ދިވެހިރާއްޖޭގައި އިސްލާމީ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ޙަލާލް ފަތުރުވެރިކަން ފަދަ ދާއިރާތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޤައުމުގެ އުފެއްދުންތެރިކަމާއި ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، އިންވެސްޓްމަންޓްތައް ފަހިކުރުމާއި މެހެމާންދާރީގެ ދާއިރާއިން ދެފަރާތުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކޮށް، ޚާއްޞަކޮށް ޙަލާލް މާކެޓުގެ ފުރުޞަތުތައް ރާއްޖެއަށް ފަހިކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މުހިންމު ނުކުތާތަކަށް ވެސް މި މަޝްވަރާތަކުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވަރަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި، އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރުއާނުގެ މުޞްޙަފެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.