އެޕަލްގެ އައު ސީއީއޯ ޖޯން ޓަރނަސް: ސެޕްޓެމްބަރު 9 ގެ އީވެންޓް ވާނީ އަޖައިބުކުރުވަނިވި ކަމަކަށް
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމާ ޖޯން ޓަރނަސް ހަވާލުވެވަޑައިގެންފިއެވެ.
އޭނާ މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި ބަދަލާއެކު، 2011 ވަނަ އަހަރުން ފެށިގެން ސީއީއޯގެ މަގާމުގައި ހުންނެވި ޓިމް ކުކް ވަނީ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވެވަޑައިގެންފައެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މުވައްޒަފުންނަށް ފޮނުއްވި ފުރަތަމަ މެމޯގައި ޓަރނަސް ވަނީ، ކުރިއަށް އޮތް ހަފްތާގައި އެޕަލްއިން ބާއްވާ ބޮޑު އިވެންޓަކީ ވަރަށް "އަޖައިބުކުރުވަނިވި" އަދި ފާހަގަކޮށްލެވޭނެ އިވެންޓަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ސެޕްޓެމްބަރު 9 ވަނަ ދުވަހު "ސަޕްރައިޒް އެންޑް ޝައިން" ގެ ނަމުގައި ބާއްވާ ހާއްސަ އިވެންޓަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި ވާހަކައެކެވެ. މިއީ ސީއީއޯގެ ހައިސިއްޔަތުން ޓަރނަސް އިސްވެ ހުންނަވައިގެން ހޯސްޓްކުރައްވާނެ ފުރަތަމަ ބޮޑު އިވެންޓެވެ.
Ads by BMLމި އިވެންޓުގައި އެންމެ ބޮޑަށް އިންތިޒާރު ކުރެވެނީ އެޕަލްގެ އައިފޯން 18 ޕްރޯ ސީރީޒް ދައްކައިލާނެ ވަގުތަކަށެވެ. މީގެއިތުރުން، އެޕަލްގެ ތާރީޚުގައި ނެރޭ ފުރަތަމަ ފޯލްޑަބަލް ފޯނު، "އައިފޯން އަލްޓްރާ" ނުވަތަ "އައިފޯން ފޯލްޑް" ގެ ނަމުގައި މި އިވެންޓުގައި ތައާރަފުކުރާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަލަށް ނެރޭ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސްގައި ހިމެނޭނީ 2-ނެނޯމީޓަރުގެ A20 ޕްރޯ ޗިޕާއި C2 މޮޑެމްއެކެވެ. މި އައު ޓެކްނޮލޮޖީގެ ސަބަބުން ފޯނު ހޫނުވުން ކުޑަކޮށްދީ، ބެޓެރީގެ ދިގުމިން ބޮޑުތަނުން އިތުރުކޮށްދޭނެއެވެ.
މި އިވެންޓުން ފެންނާނެ ކަމަށް ބެލެވޭ ފޯލްޑަބަލް އައިފޯނަކީ ފޮތެއް ފަދައިން ދެފަރާތަށް ހުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނެކެވެ. މި ފޯނުގެ ބޭރުގައި 5.5 އިންޗީގެ ސްކްރީނެއް އަދި އެތެރޭގައި 7.8 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ބެލެވޭއިރު، ފޯނާއެކު ޓަޗް އައިޑީ އަލުން ތައާރަފުކުރުމުގެ ފުރުސަތު ވެސް ބޮޑެވެ.
މިއީ އެޕަލްގެ ލީޑަޝިޕަށް އައި ވަރަށް ބޮޑު އަދި މުހިންމު ބަދަލެކެވެ. ޓިމް ކުކް އަކީ އޮޕަރޭޝަންސް އަދި ސަޕްލައި-ޗެއިން ދާއިރާގެ ބޭފުޅަކަށް ވިޔަސް، 2001 ވަނަ އަހަރު އެޕަލްއާ ގުޅިވަޑައިގެންނެވި ޓަރނަސް އަކީ ހާޑްވެއާ އިންޖިނިއަރިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނަވައިގެން، އުފެއްދުންތަކުގެ ފެންވަރަށް އަބަދުވެސް އިސްކަންދެއްވި ލީޑަރެކެވެ.
ކުންފުނީގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބާއްވާ މި އިވެންޓުގައި މައިގަނޑު ގޮތެއްގައި ދައްކައިލާނީ މަތީ ފަންތީގެ ފޯނުތައް ކަމަށްވާއިރު، އާދައިގެ އައިފޯން 18 އަދި އައިފޯން އެއާގެ މޮޑެލްތައް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
Ads by MACL
