އަތޮޅުތަކުން: ލ. ގަން ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ލ. ގަން ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރުގެ އެޕްރޯޗް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާއިރު، މަޝްރޫއުގެ ބޮޑުބައި މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ގަމުގެ ބަނދަރުގެ ޖާގަ އިތުރުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގާ މަޝްރޫއެކެވެ.
Ads by BMLމި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމުގެ އިތުރުން އެއްގަމުތޮށި ލުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނިގެން ކުރިއަށްދެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ މަސައްކަތްތައް ނިމުމުން ގަމުގެ ރައްޔިތުންނަށާއި އެ ރަށަށް ދަތުރުކުރާ އުޅަނދުފަހަރަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބި، ރަށުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ބޮޑެތި ފަސޭހަތަކެއް މަގުފަހިވެގެންދާނެ ކަމަށެވެ.
Ads by MACL
